އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދުޝާގެ އާ ލަވަ "ޓަޓީރޭ"އާ ގުޅިގެން އުފެދުނު ބޮޑު މައްސަލަގަނޑަށް ފަހު އޭނާ މާފަށް އެދިއްޖެ އެވެ.
އެ ލަވައިގައި ސްކޫލް ޔުނީފޯމްގައި ތިބި އިންޑިއާގެ ހަރިޔާނާގެ އަންހެން ކުދިން ބޭނުންކުރުމާއި އޭގެ ލިރިކްސްގައި ބޭއަދަބީ ވާހަކަތަކެއް ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އެ މައްސަލައާ ގުޅިގެން ބާދުޝާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެއްވެސް ބަޔަކަށް ދެރައެއް ދިނުމުގެ ނިޔަތެއް އޭނާގެ ނެތް ކަމަށެވެ.
އޭނާއަކީ ހަރިޔާނާއަށް ނިސްބަތްވާ މީހަކަށް ވީތީއާ އެކު، މި ލަވައިގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް ކުރި އަސަރާ މެދުގައި ހިތާމަކުރާ ކަމަށް ބާދުޝާ ބުންޏެވެ.
ބާދުޝާ ބުނި ގޮތުގައި، ހިޕް-ހޮޕް މިއުޒިކްގައި އާންމުކޮށް ލިރިކްސް ބޭނުންކުރަނީ ވާދަވެރިންނަށް ބަހުގެ ހަމަލާ ދިނުމަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް އިހާނެތިކޮށް ހިތުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ހަރިޔާނާގެ ސަގާފަތް ކުރިއެރުވުމަށް ކަމަށް އޭނާ ބުނެފައިވެ އެވެ.
މި މައްސަލަ ބޮޑުވެ، މިހާރު އެ ލަވަ ވަނީ ހުރިހާ ޕްލެޓްފޯމަކުން ޑިލިޓްކޮށްފަ އެވެ.
މި ލަވައިގެ މައްސަލަ ހަރިޔާނާގެ ފުލުހުން ރިޕޯޓްކުރުމުން އެ އިދާރާއިން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.
ހަރިޔާނާ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ މި ލަވައިގައި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ޖިންސީ ގުޅުން ހިންގުމުގެ މާނަ ދޭހަވާ ފަދަ ބަސްތަކާއި މަންޒަރުތައް ހިމަނާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ހަރިޔާނާގެ އަމިއްލަ ޖަމިއްޔާތަކެއްގެ ފަރާތުންނެވެ.
އާންމު އަހުލާގީ މިންގަނޑުތަކުން ބޭރުވެ، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާތަކުން ގޮވާލާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.