ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދޭވަރަކޮންޑާގެ ކައިވެނީގެ އުފާވެރި ޚަބަރުތަކާ އެކު، ރަޝްމިކާގެ މަންމަ ސުމަން މަންދަންނާގެ މާ ކުރީގެ އޯޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
އެ މައްސަލައިގައި ރަޝްމިކާ ވަނީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ އޯޑިއޯ ކްލިޕަކީ މީގެ ގާތްގަނޑަކަށް 8 އަހަރު ކުރިން، ރަޝްމިކާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަކްޝިތު ޝެޓީގެ ގުޅުން ކެނޑުނު ދުވަސްވަރުގެ ރެކޯޑިންއެކެވެ.
އެ އޯޑިއޯގައި ސުމަން މަންދަންނާ ބުނެފައިވާ ކަމަށް ވަނީ ރަޝްމިކާ އާއި ރަކްޝިތު ވަކިވީ އާއިލީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ރަކްޝިތުއާ ކައިވެނިކުރުމަށް ފަހު ރަޝްމިކާ އެކްޓްކުރުން ހުއްޓާލާނެ ކަމަށް ޓުވީޓްކުރުމަށް އޭނާ ޝަރުތު ކުރި ކަމަށާއި ރަޝްމިކާގެ "ގީތާ ގޯވިންދަމް" ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތަކުގެ ސަބަބުން ދެމީހުންގެ ގުޅުމަށް ބުރޫއެރި ކަމަށް ވެސް ސުމަން ބުނި ކަމަށްވެ އެވެ.
އެކަމާ ގުޅިގެން ރަޝްމިކާ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ އުފާވެރި ވަގުތަކާ ދިމާކޮށް ގަސްދުގައި ބަޔަކު ފަތުރަމުންދާ ފިތުނައެއް ކަމަށެވެ. މިދިޔަ 8 އަހަރު އޭނާއާ ދެކޮޅަށް ހިންގި ހަނގާކުރުންތަކާއި ދޮގު ވާހަކަތަކަށް ކެތްކުރި ނަމަވެސް، މިފަހަރު އާއިލާ މިކަމުގެ ތެރެއަށް ވެއްދުމުން އެކަން ބަލާނުގަނެވޭނެ ކަމަށް ރަޝްމިކާ ބުންޏެވެ.
ރަޝްމިކާ ބުނީ އެ އޯޑިއޯ ލީކުކޮށްލީ އޭނާގެ އަބުރަށް އަރައިގަތުން ކަމަށެވެ.
އެ އޯޑިއޯ ފަތުރާ މީޑިއާތަކާއި މީހުން 24 ގަޑިއިރު ތެރޭގައި އެ އެއްޗެހި ނެގުމަށް ރަޝްމިކާ ވަނީ އަންގައިފަ އެވެ. އެހެން ނޫން ނަމަ، މިއަދުން ފެށިގެން އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ހުށަހަޅާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފަ އެވެ.
ރަޝްމިކާ ބުނި ގޮތުގައި، އެއީ ހަމައެކަނި އޭނާގެ ދިފާއުގައި ކުރާ ކަމެއް ނޫން ކަމަށާއި އެއީ އެހެން މީހުންގެ އަމިއްލަ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމަށް ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ކުލަގަދަ ހަފުލާތަކަކާ އެކު ރަޝްމިކާ އާއި ވިޖޭ ކައިވެނިކުރީ މިދިޔަ މަހު 26 ގަ އެވެ.