ބޮލީވުޑްގެ ތަރި އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން އިންޑިއާގެ މުމްބާއީގެ މެޓްރޯގައި ދަތުރުކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ. 

ސޯނީ މެޓްރޯގައި ދަތުރުކުރީ މުމްބާއީގެ މަގުތަކުގައި އޮންނަ ބާރުބޮޑު ޓްރެފިކުން ސަލާމަތްވުމަށެވެ. 

މިކަމާ ގުޅޭ ގޮތުން ސޯނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ މުމްބާއީގެ މަގުތަކުގައި ކާރޫބާރު ބޮޑުވުމުގެ ސަބަބުން ކާރުގައި ދަތުރުކުރުމުގެ ބަދަލުގައި މެޓްރޯ އިހުތިޔާރު ކުރީ ކަމަށެވެ.

މިއީ މުމްބާއީ މެޓްރޯގެ "އެކުއާ ލައިން"ގައި އޭނާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މެޓްރޯގެ ދަތުރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކުރަމުން ސޯނީ ބުނީ މެޓްރޯއަކީ ވަރަށް ސާފުތާހިރު، ފިނި އަދި ވަގުތު ސަލާމަތްވާ ފަދަ ފަސޭހަ ވަސީލަތެއް ކަމަށެވެ. އަދި އޭނާ ދާން ބޭނުންވި ތަނަށް މެޓްރޯގައި ވަރަށް އަވަހަށް ދެވުނު ކަމަށް ވެސް ބުންޏެވެ. 

"މިއީ އަހަރެންގެ ފުރަތަމަ ދަތުރު ކަމަށް ވިޔަސް، މިއީ އެންމެ ފަހު ދަތުރެއް ނޫން،" މެޓްރޯގެ ހިދުމަތަށް ތައުރީފު ކުރަމުން ސޯނީ ލިޔެފައިވެ އެވެ.

ސޯނީއަކީ ކުރީގެ މަޝްހޫރު އެކްޓްރެސެއްގެ އިތުރުން ފިލްމު ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ "ސޮންގްސް އޮފް ޕެރަޑައިސް" ކިޔާ ފިލްމަކުންނެވެ.