ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް)ގެ މަޝްހޫރު "ސްޕައި ޔުނިވާސް"ގެ އެންމެ ފަހުގެ ފިލްމު "އަލްފާ" ސިނަމާތަކަށް އައުމާ އެކު، ބޮލީވުޑްގައި ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. އާލިއާ ބަޓް އާއި ޝަރްވަރީ ލީޑް ރޯލުން ފެންނަ މި ފިލްމަކީ މި ފްރެންޗައިޒްގެ ފުރަތަމަ އަންހެން ޖާސޫސުން ފެންނަ ފިލްމެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 7,500 އަށް ވުރެ ޝޯއާ އެކު މި ފިލްމު ރިލީޒްކުރި ނަމަވެސް، ފާޑުކިޔުންތެރިންގެ ފަރާތުން ފިލްމަށް ލިބުނީ އެވްރެޖް އަދި ނެގެޓިވް ރިވިއުތަކެކެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާ އިން ލިބުނީ 9.25 ކުރޯޑް ރުޕީސްގެ އާމްދަނީއެކެވެ. ދުނިޔޭގެ ބޮކްސް އޮފީހުން ލިބުނު 6.22 ކުރޯޑް ރުޕީސްއާ އެކު، ފުރަތަމަ ދުވަހު ފިލްމަށް ލިބުނު ޖުމްލަ އާމްދަނީއަކީ 17.42 ކުރޯޑް ރުޕީސް އެވެ. 

އިއްޔެ މި ފިލްމު ބަލަން ވަން މީހުންގެ އަދަދު 20 ޕަސެންޓު އިތުރުވެ، ދެ ދުވަހުން އިންޑިއާ އިން އެކަނި 15 ކުރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 

މި ފިލްމަކީ އާލިއާގެ ކުރީގެ ފިލްމު "ޖިގްރާ" (4.55 ކުރޯޑް ރުޕީސް) އަށް ވުރެ މާ ބޮޑު އާމްދަނީއެއް ހޯދި ފިލްމެކެވެ. އަދި ބޮލީވުޑްގައި އަންހެނަކު ލީޑް ރޯލު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ތިންވަނަ ފިލްމަށް މިހާރު ވަނީ ވެފަ އެވެ.

ނަމަވެސް، ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ބޮޑެތި ފިލްމުތައް ކަމަށްވާ "ޕަތާން" ނުވަތަ "ވޯ 2"އާ އަޅާބަލާއިރު، މިއީ މި ފްރެންޗައިޒްގެ ފިލްމަކަށް ފުރަތަމަ ދުވަހު އެންމެ ދަށް އާމްދަނީއެއް ލިބުނު ފަހަރެވެ. 

މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ވަރަށް އެކަހެރިކޮށް ބޮޑުކޮށް، ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދީފައިވާ މޮޅު އެސާސިނެއް (އާލިއާ ބަޓް)ގެ މައްޗަށެވެ. އޭނާގެ މާޒީގެ ހަގީގަތް އެނގުމުން، އޭނާގެ ހުނަރު ބޭނުންކޮށްގެން ބަދަލުހިފަން ނުކުމެ އެވެ.

މި ފިލްމުގައި ވަރުގަދަ މާރާމާރީތަކާއި ޗޭސް ސީންތައް ދައްކަ އެވެ. ފިލްމުގެ މުހިންމު ރޯލަކުން އަނިލް ކަޕޫރުގެ އިތުރުން ވިލަންއެއްގެ ގޮތުގައި ބޮބީ ޑިއޯލް ފެނެ އެވެ. 

ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، "ވޯ" ފިލްމުތަކުގައި ސުޕަ-ސްޕައި "ކަބީރު"ގެ ރޯލު ކުޅޭ ރިތިކް ރޯޝަން ހާއްސަ ފެނިލުމަކުން މި ފިލްމުން ފެންނަ މަންޒަރުގެ ވާހަކަ އެވެ. 

ފިލްމުގެ ސްކްރިޕްޓް ބަލިކަށިވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފިލްމަށް ޖޯކު ޖަހައި ފާޑުކިޔަމުންނެވެ. މި ނެގެޓިވިޓީއާ ގުޅިގެން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ އާލިއާގެ ދިފާއުގައި އިންސްޓަގްރާމްގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ.

"ސިނަމާތަކަށް މީހުން ދިއުން މަދުވެފައިވާ ދުވަސްވަރެއްގައި 'އަލްފާ' މިވަނީ ވަރުގަދަ ފެށުމެއް ހޯދައިފައި. މިއިން އެނގެނީ އޮންލައިންކޮށް ފަތުރާ ނެގެޓިވިޓީއަށް ވުރެ ބެލުންތެރިން މާ މަތީގައި އުޅޭކަން. އާލިއާ ބަޓްގެ ސްޓާޑަމް އާއި އޭނާގެ ހުނަރާ މެދު ސުވާލެއް ނުއުފެއްދޭނެ. ސޯޝަލް މީޑިއާގެ ނެގެޓިވިޓީ ދޫކޮށްލާފައި ސިނަމާއަށް ގޮސް ފިލްމު ބަލާ،" ކަރަން ބުންޏެވެ.