އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަލީގަޅުގެ ދީނީ އިދާރާއަކުން މަޝްހޫރު ބޮލީވުޑް އެކްޓްރެސް އަދި ނެށުންތެރިޔާ ނޯރާ ފަތޭހީއާ ދެކޮޅަށް ފަތުވާއެއް ނެރެފި އެވެ.
އޭއެންއައިގެ ރިޕޯޓެއްގައި ބުނީ އެ ފަތުވާ ނެރެފައި ވަނީ ނޯރާ އެންމެފަހުން ކުޅުނު ލަވަ "ސަރްކޭ ޗުނަރު ތޭރީ ސަރްކޭ"އާ ގުޅިގެންނެވެ.
އަލީގަޅުގެ "މުސްލިމް ޕާސަނަލް ދާރުލް އިފްތާ" އިން ނެރުނު ފަތުވާގައި ބުނީ ކަންނާޑާ ފިލްމު "ކޭޑީ: ދަ ޑެވިލް"ގައި ހިމެނޭ އެ ލަވަޔަކީ އިސްލާމީ އުސޫލުތަކާ ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ފަދަ ލަވައެއް ނޫން ކަމަށެވެ.
އެ އިދާރާގެ ޗީފް މުފްތީ މައުލާނާ އިބްރާހީމް ހުސައިން ބުނީ އެ ލަވައިގެ މަންޒަރުތަކަކީ "ބަދުއަހުލާގީ" މަންޒަރުތަކެއް ކަމަށާއި މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.
އެ ލަވަޔާ ގުޅިގެން އާންމުން ރުޅިގަދަވެފައި ވާތީ، އިންޑިއާގެ ސަރުކާރު މިހާރު ވަނީ އެ ލަވަ މަނާ ވެސް ކޮށްފަ އެވެ. އެހެންވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ލަވަ މިހާރު ވަނީ ޑިލިޓްކޮށްފަ އެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަޝްވިނީ ވައިޝްނޯ ވިދާޅުވި ގޮތުގައި، އެ ލަވަ މަނާކުރީ އޭގެ ބަސްމަގާއި މަންޒަރުތަކާ ގުޅިގެން ލިބުނު ޝަކުވާތަކަށް ބެލުމަށް ފަހުގަ އެވެ.
މި މައްސަލައިގައި ނޯރާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އޭނާ އެ ލަވަ ކުޅުނީ މީގެ ތިން އަހަރު ކުރިން ކަމަށެވެ. އަދި އޭރު އޭނާ އެއްބަސްވީ އެއީ ބޮޑު ފިލްމަކަށް ވެފައި، ސަންޖޭ ދަތު ކަހަލަ މަޝްހޫރު އެކްޓަރަކާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ.
ނޯރާ ބުނި ގޮތުގައި، އޭނާއަށް ކަންނާޑާ ބަސް ނޭނގޭތީ، އެ ލަވައިގެ މާނަ އޭރު އޮޅުންފިލުވީ ފިލްމުގެ ޓީމުގެ ފަރާތުން ކަމަށާއި އޭރު އެއްވެސް ގޯސް މާނައެއް އޭގައި އުޅޭ ކަމަށް އެމީހުން ބުނެފައި ނުވެ އެވެ.
ނަމަވެސް، އެ ލަވައިގެ ހިންދީ ވާޝަން އިވުމުން އެއީ މައްސަލަ ޖެހޭނެ އެއްޗެއްކަން އޭނާއަށް ވިސްނުނު ކަމަށް ނޯރާ ބުންޏެވެ.