"ހެރީ ޕޮޓާ" ޓީވީ ސީރީޒްގެ ފުރަތަމަ ފެނިލުން އިއްޔެ އާންމުކޮށްފި އެވެ.
އެޗްބީއޯ އިން އުފައްދާ މި ސީރީޒްގެ ފުރަތަމަ ފޮޓޯއިން ފެންނަނީ ހެރީ ޕޮޓާގެ ރޯލު ކުޅޭ އުމުރުން 11 އަހަރުގެ ޑޮމިނިކް މެގޯކްލިން، ހޮގްވާޓްސްގެ ޔުނިފޯމުގައި ހުއްޓަ އެވެ.
ހެރީ ޕޮޓާގެ ރޯލުން ޑޮމިނިކް މެގޯކްލިން ފެންނައިރު، ހާމައޮނީ ގްރޭންޖާގެ ރޯލުން ފެންނާނީ އެރަބެލާ ސްޓެންޓޮން އެވެ. އަދި ރޮން ވީޒްލީގެ ރޯލު ކުޅެނީ އެލަސްޓެއާ ސްޓައުޓެވެ.
އެލްބަސް ޑަމްބަލްޑޯގެ ރޯލު ކުޅެނީ އެމެރިކާގެ އެކްޓަރު ޖޯން ލިތުގޯ އެވެ. މިނާވާ މެކްގޮނަގަލްގެ ރޯލު ކުޅެނީ އިނގިރޭސި އެކްޓަރު ޖެނެޓް މެކްޓީ އެވެ. ރޫބިއަސް ހެގްރިޑްގެ ރޯލުން އިނގިރޭސި އެކްޓަރު ނިކް ފްރޮސްޓް ފެންނާނެ އިރު، ކުރިނަސް ކުރޮލްގެ ރޯލު ކުޅޭނީ ލޫކް ތެލޮން އެވެ.
އޭގަސް ފިލްޗުގެ ރޯލުން ޕޯލް ވައިޓްހައުސް، އަދި ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލުން ޕާޕާ އެސިއެޑޫ ފެންނާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ސީރީޒް ބަހާލެވިފައި ވަނީ ޖޭކޭ ރޯލިންގްގެ ކޮންމެ ފޮތަކަށް އެއް ސީޒަންގެ މަގުން ޖުމްލަ ހަތެއް ނުވަތަ އަށް ސީޒަންގެ މައްޗަށެވެ.
"ހެރީ ޕޮޓާ"ގެ ފުރަތަމަ ސީޒަން މި އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ސްޓްރީމް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި ސީރީޒްގެ މަންޒަރުތައް މިހާރު ނަގަމުން އަންނައިރު، މިއީ "ހެރީ ޕޮޓާ"ގެ ފިލްމުތަކަށް ވުރެ ބޮޑަށް ފޮތުގައިވާ ތަފްސީލުތަކަށް ބަލައިގެން ތައްޔާރު ކުރާ ސީރީޒެއް ކަމަށް މީގެ އުފެއްދުންތެރިން ބުނެފައިވެ އެވެ.
"ހެރި ޕޮޓާ" ޓީވީ ސީރީޒަކީ ވޯނާ ބްރަދާސް އާއި އެޗްބީއޯ ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ސީރީޒެކެވެ.