ސައިންސް ފިކްޝަން ވާހަކަ ލިޔުންތެރިޔާ އެންޑީ ވެއާގެ މަޝްހޫރު ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ޕްރޮޖެކްޓް ހެއިލް މޭރީ" ރިލީޒްކުރިތާ އެންމެ ދެ ހަފުތާގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ކާމިޔާބީއާ އެކު އެ ފިލްމު ވެފައި ވަނީ މި އަހަރު މިހާތަނަށް ރިލީޒްކުރި ހޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

ބޮކްސް އޮފީހުގެ ތަފާސްހިސާބުތައް
  • ދުނިޔޭގެ ބޮކްސް އޮފީސް: 300.8 މިލިއަން ޑޮލަރު
  • އެމެރިކާގެ ބޮކްސް އޮފީސް: 164.3 މިލިއަން ޑޮލަރު

މި ފިލްމަކީ އެމެޒޯން ކުންފުނިން އެމްޖީއެމް ސްޓޫޑިއޯ ގަތް ފަހުން އެ ސްޓޫޑިއޯ އިން ނެރުނު އެންމެ ކާމިޔާބު ފިލްމެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ "ކްރީޑް 3"ގެ އަތުގަ އެވެ.

މީގެ އިތުރުން މިއީ އެމެރިކާގެ އެކްޓަރު ރަޔަން ގޮސްލިން ލީޑް ރޯލު ކުޅުނު ފިލްމުތަކުގެ ތެރެއިން އެމެރިކާގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

އެ ފިލްމުގައި ދައްކަނީ ރައިލަންޑް ގްރޭސް (ރަޔަން ގޮސްލިން) ނަމަކަށް ކިޔާ ބަޔޮލޮޖީ ޓީޗަރެއް، އިންސާނިއްޔަތު ސަލާމަތްކުރުމަށް ކުރާ ނުރައްކާތެރި ޖައްވީ ދަތުރެކެވެ. އޭނާ ހަނދާންތައް ނެތިފައި ހުއްޓައި، ޖައްވީ އުޅަނދެއްގެ ތެރޭގައި އޮއްވާ ހޭއަރާއިރު، ދުނިޔެ ނެތިދިއުމުގެ ބިރު އޮތް "ސަން-ޑިމިން" (އިރުގެ އަލި މަޑުވުން) މައްސަލަ ހައްލުކުރަން އޭނާއަށް ޖެހެ އެވެ. އެ ދަތުރުގައި އޭނާއަށް "ރޮކީ" ނަމަކަށް ކިޔާ އޭލިއަންއަކާ ދިމާވެ، ދެމީހުން ގުޅިގެން މަސައްކަތް ކުރެ އެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ފިލް ލޯޑް އަދި ކްރިސްޓޮފާ މިލާ އެވެ.

މި ފިލްމު އުފެއްދުމަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ރަނގަޅު ރިވިއުތަކާ އެކު، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، އަންނަ ހަފުތާގައި ރިލީޒްކުރާ "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ"އާ އެކު ބޮޑު ވާދަވެރިކަމެއް އުފެދޭނެ އެވެ.