ދަރިއަކު ލިބުމުން ބައްޕައިންނަށް ވެސް ޗުއްޓީ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ގޮވާލައި، އޭނާގެ ފިރިމީހާ އަދި މަޖިލިސް މެމްބަރު ރާގަވް ޗައްޑާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ ތައުރީފުކޮށްފި އެވެ.
ރާގަވް ވަނީ އިންޑިއާގެ މަޖިލީހުގައި "ޕެޓާނިޓީ ލީވް" ނުވަތަ ދަރިއަކު ލިބުމުން ބައްޕައިންނަށް ލިބޭ ޗުއްޓީއަކީ ގާނޫނީ ހައްގަކަށް ހެދުމަށް ވަކާލާތުކޮށްފަ އެވެ.
ރާގަވް ބުނީ ދަރިން ބެލުމުގެ ޒިންމާއަކީ ހަމައެކަނި މައިންގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ، ދެމަފިރިން ހަމަހަމައަށް އުފުލަން ޖެހޭ ޒިންމާއަކަށް ވާތީ، ބައްޕައިންނަށް ދޭ ޗުއްޓީއަކީ ގާނޫނުން ކަށަވަރުކޮށްދޭ ހައްގަކަށް ވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އެ ވާހަކަތަކާ ގުޅިގެން ފަރިނީތީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ރާގަވް މަޖިލީހުގައި ވާހަކަ ދެއްކީ ހަމައެކަނި މެމްބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެއީ ކޮންމެ ދުވަހަކު އޭނާއަށް ފެންނަ އޯގާތެރި ބައްޕައެއްގެ ހައިސިއްޔަތުން ކަމަށެވެ.
ފަރިނީތީ އާއި ރާގަވް ކައިވެނިކުރީ 2023 ވަނަ އަހަރުގެ މެއި މަހު އިންޑިއާގެ އުދައިޕޫރުގަ އެވެ. އެ ދެމަފިރިންނަށް މިދިޔަ އަހަރު އޮކްޓޯބަރު މަހު ވަނީ އަލަތު ދަރިފުޅު ލިބިފަ އެވެ. އެ ކުއްޖާއަށް ކިޔަނީ ނީރް އެވެ.
ފަރިނީތީ ބުނި ގޮތުގައި، ދަރިއަކު އުފަންވުމަކީ ހަމައެކަނި މަންމައަކު އުފަންވުމެއް ނޫނެވެ. އެއީ ބައްޕައަކު ވެސް އުފަންވާ ވަގުތެކެވެ. ގިނަ ފަހަރަށް މަންމައިން އެކަނި ދަރިން ބެލުމުގެ ބުރަ އުފުލަން ޖެހުމުން ކުރިމަތިވާ އެކަނިވެރިކަމުގެ ވާހަކަ ރާގަވް މަޖިލީހުގައި ދެއްކީތީ ފަރިނީތީ ޝުކުރު ވެސް އަދާކުރި އެވެ.
ރާގަވްއަކީ އިންޑިއާގެ އާމް އާދްމީ ޕާޓީގެ މެމްބަރެކެވެ. އޭނާއަކީ 2022 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިޔާ ސަބާގައި ޕަންޖާބު ތަމްސީލުކުރާ މެމްބަރެކެވެ.