ހޮލީވުޑްގެ ތަރި އޭން ހެތަވޭ، އޭނާގެ އާ ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި "އިންޝާﷲ"އޭ ބުނުމުން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި، އެ ވީޑިއޯ ވައިރަލް ވެއްޖެ އެވެ.

ޕީޕަލް މެގަޒިންއަށް ދިން އެ އިންޓަވިއުގައި ހެތަވޭ ވަނީ އުމުރުން 40 އަހަރުވުމުން އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި އުމުރުން ދުވަސްވުމާ މެދު ދެކޭ ގޮތާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި، މިހާރު ކަންކަމާ މެދު މާ ބޮޑަށް ހާސްވެ، ކަންބޮޑުވުމުގެ ބަދަލުގައި ހަމަޖެހިގެން ދިރިއުޅެން އޭނާ އިސްކަންދެ އެވެ.

އެ މައުޟޫއަށް ވާހަކަދައްކަމުން ހެތަވޭ ބުނީ "އަހަރެން ހަމަ ހަގީގަތުގައި ވެސް ބޭނުންވަނީ އުފާވެރި ދިރިއުޅުމެއް އުޅެން. އަހަރެން ބޭނުންވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ގިނަ ދުވަހު ދިރިއުޅެން. އިންޝާﷲ، އަހަރެން އުންމީދު ކުރަނީ އެގޮތަށް،" ކަމަށެވެ.

އޭން ވަރަށް ފުރިހަމައަށް "އިންޝާﷲ" މި ބަސް ކިޔާލި ގޮތުން ގިނަ ބަޔަކު އަންނަނީ އެކަމަށް ތައުރީފު ކުރަމުންނެވެ.

ހާއްސަކޮށް މުސްލިމު ސަޕޯޓަރުންނާއި އަރަބި ބަހުން ވާހަކަ ދައްކާ މީހުން އެކްސް އަދި އިންސްޓަގްރާމްގައި މި ވާހަކަ ވަރަށް ގަދައަށް އަންނަނީ ދައްކަމުންނެވެ. ބައެއް މީހުން ވަނީ "މާޝާﷲ ސިސްޓާ އޭން" ކަހަލަ އިބާރާތްތަކުން އެ ވީޑިއޯއަށް ކޮމެންޓު ކޮށްފަ އެވެ.

ހެތަވޭގެ އިތުރުން މީގެ ކުރިން ލަވަކިޔުންތެރިޔާ ޑްރޭކް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ އާންމު މަޝްވަރާތަކާއި ލަވަތަކުގައި "އިންޝާﷲ" ބޭނުންކޮށްފަ އެވެ.

ހެތަވޭގެ މި އިންޓަވިއުއަކީ 2006 ވަނަ އަހަރު ނިކުތް މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ދެވަނަ ބައިގެ ޕްރޮމޯޝަނަށް ދިން އިންޓަވިއުއެކެވެ. އެ ފިލްމުގައި އޭނާއާ އެކު ހޮލީވުޑް ތަރި މެރީލް ސްޓްރީޕް އަދި އެމިލީ ބްލަންޓް ވެސް އެ ފިލްމުން ފެންނާނެ އެވެ. އެ ފިލްމު ޕްރިމިއާކުރަނީ އަންނަ މަހު އެކެއްގަ އެވެ.

ޕީޕަލް މެގަޒިން އިން ހޮވާ އަހަރުގެ ދުނިޔޭގެ އެންމެ ރީތި ތަރިއަކަށް ވެސް މި އަހަރު އޭނާ ވަނީ ހޮވައިފަ އެވެ.