ހޮލީވުޑްގެ މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު "ރެޑީ އޯ ނޮޓް"ގެ ދެވަނަ ބައި "ރެޑީ އޯ ނޮޓް 2: ހިއާ އައި ކަމް" ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްކުރިތާ އެންމެ ދުވަހެއްގެ ތެރޭގައި އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، 14 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމު، ޕޭ-ޕާ-ވިއު އަށް ރިލީޒްކުރިތާ އެންމެ ދުވަހެއްގެ ތެރޭގައި ވަނީ އޭގެ ބަޖެޓުގެ ތިން ގުނަ އާމްދަނީގެ ގޮތުގައި ހޯދައިފަ އެވެ. އަދި މިހާތަނަށް ސިނަމާތަކުގައި ދައްކައިގެން އެކަނިވެސް އެ ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 42.2 މިލިއަން ޑޮލަރު ލިބިފަ އެވެ.
އެ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. ރިލީޒްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ އެމެޒޯން ޓީވީ ސްޓޯރުގެ އެއްވަނަ މަގާމު އެ ފިލްމު ވަނީ ހޯދައިފަ އެވެ.
ފުރަތަމަ ބައިގެ ވެސް ލީޑު ރޯލު ކުޅުނު ސަމާރާ ވީވިންގް މި ފިލްމުގެ މައި ރޯލުން ފެންނައިރު، ކެތުރިން ނިއުޓަން އަދި ސާރާ މިޝޭލް ގެލާ ވެސް މި ފިލްމުގައި މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.
މި ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން ފިލްމީ ދާއިރާގެ މީހުން ބުނަނީ މިއީ މި ފިލްމު ސީރީޒްގެ ތިންވަނަ ބައެއް އުފެއްދުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.
"ރެޑީ އޯ ނޮޓް"ގެ ފުރަތަމަ ބައި 2019 ވަނަ އަހަރު ރިލީޒްކުރިއިރު، އެ ފިލްމަށްވެސް ވަނީ 57 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
ޑިޖިޓަލްކޮށް މި ފިލްމު ގަންނަ މީހުންނަށް ފިލްމުގެ އިތުރުން، ކެމެރާ ފުރަގަހުގެ މަންޒަރުތަކާއި އިންޓަވިއުތަކުގެ އިތުރުން ފިލްމުން އުނިކޮށްފައިވާ ބައެއް މަންޒަރުތައް ވެސް ބަލައިލެވޭނެ އެވެ.