ބީބީސީން ދެއްކުމަށް އިންކާރުކޮށް ހިފެހެއްޓި، ޣައްޒާގެ ހަނގުރާމައިގެ ހާލަތު ދައްކުވައިދޭ ޑޮކިއުމެންޓްރީއަކަށް އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި ފިލްމު އަދި ޓީވީ އެވޯޑް ކަމަށްވާ ބާފްޓާ ލިބިއްޖެ އެވެ. 

ފަލަސްތީނުގެ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ހާއްސަކޮށް ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްދޭ ހަމަލާތައް ދައްކާ "ޣައްޒާ: ޑޮކްޓާސް އަންޑާ އެޓޭކް" ޑޮކިއުމެންޓްރީއަށް ބާފްޓާ އެވޯޑް ލިބުމަކީ ބީބީސީއަށް ކުރިމަތިވި ބޮޑު ލަދެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިއަދު ބޭއްވި މި އަހަރުގެ ބާފްޓާ ޓީވީ އެވޯޑްސްގައި "ޣައްޒާ: ޑޮކްޓާސް އަންޑާ އެޓޭކް"އަށް ވަނީ ބާފްޓާ ޓީވީ އެވޯޑް ފޯ ކަރަންޓް އެފެއާޒް އެވޯޑް ލިބިފަ އެވެ. 

އެ ޑޮކިއުމެންޓްރީގައި ދައްކަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށާއި ޑޮކްޓަރުންނަށް އިޒުރޭލު ސިފައިން ދޭ ހަމަލާތަކާއި އެތަނުގެ ސިއްހީ ނިޒާމު އިނދަޖެހިފައިވާ މިންވަރެވެ. 

މިއީ ބޭސްމަންޓް ފިލްމްސް ކިޔާ ޕްރޮޑަކްޝަނަކުން ބީބީސީއަށް ތައްޔާރުކުރި ޑޮކިއުމެންޓްރީއެކެވެ. 

މި ޑޮކިއުމެންޓްރީ ދެއްކުމަށް ހަ މަސްދުވަހު މަޑުކުރުމަށް ފަހު، ބީބީސީން ވަނީ މިއީ "ވަކި ފަރާތަކަށް ޖެހިފައިވާ" އެއްޗެއްގެ ގޮތުގައި ސިފަކޮށް، ބްރޯޑްކާސްޓް ނުކުރުމަށް ނިންމައިފަ އެވެ.

ބީބީސީން މި ޑޮކިއުމެންޓްރީ ދެއްކުން ހުއްޓުވުމާ ގުޅިގެން، މީގެ އުފެއްދުންތެރިން ވަނީ އިނގިރޭސިވިލާތުގެ އެހެން ޗެނަލެއް ކަމަށްވާ ޗެނަލް 4 އާ ގުޅިގެން މި ޑޮކިއުމެންޓްރީ އާންމުކޮށްފަ އެވެ. ޗެނަލް 4 އިން މި ޑޮކިއުމެންޓްރީ ދެއްކުމާ އެކު، މުޅި ދުނިޔޭގެ ސަމާލުކަން ލިބި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ކުށްތަކުގެ ހެކިތައް ވަނީ ހާމަވެފަ އެވެ.

"މިއީ އަހަރެމެން ކުރި މަސައްކަތުގެ ހައްގު ކާމިޔާބީއެއް. ބީބީސީން މި ފިލްމު ހިފެހެއްޓުމަކީ ނޫސްވެރިކަމުގެ އަހުލާގާ ހިލާފު ކަމެއް،" މި ޑޮކިއުމެންޓްރީގެ ޕްރޮޑިއުސަރު ރަމީތާ ނަވާއީ ބުންޏެވެ.

މި ޑޮކިއުމެންޓްރީއަށް ބާފްޓާ އެވޯޑް ލިބުމުން، ބީބީސީގެ ނިންމުމަކީ ސިޔާސީ ނުފޫޒުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ބީބީސީގެ އަމަލުތައް ހުރީ އިޒުރޭލަށް ތާއީދުކުރާ ފަދަ ގޮތަކަށް ކަމަށް ބުނެ އެތަނުގެ ބައެއް މުވައްޒަފުން ވެސް ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.