ރާއްޖޭގެ އެންމެ މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭހަކީ އަބަދުވެސް އެ މީހުންގެ ފޭނުންނަށްޓަކައި ތަފާތު ކަންތައްތައް ކުރާ ބައެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ހަފުތާ ބަންދެއްގައި ކޮންމެވެސް ރަށަކަށް ގޮސް، ސަޕޯޓަރުންނާ އެކު ގިނަ ހަރަކާތްތަކެއް ހިންގައި، ފޯރި ނަގަ އެވެ.

މި އަހަރު ހަބޭހުގެ އާއިލީ ދަތުރުގެ ފޯރި ނެގީ ކ. ގާފަރުގަ އެވެ. ބޭންޑްގެ ހުރިހާ މެމްބަރުންނާއި އެ މީހުންގެ އާއިލާގެ މެބަރުންނާ ވެސް އެކު، އެ ރަށުގައި ބޭއްވި ދަތުރުގެ ތެރޭގައި ވެސް ގިނަ ހަރަކާތްތަކެއް ވަނީ ހިންގައިގަ އެވެ.

އެގޮތުން ހަބޭސް ބޮޑުބެރު ބޭންޑް ހަ ގްރޫޕަކަށް ބަހާލައިގެން އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް ވެސް ވަނީ ގާފަރުގައި ބާއްވައިފަ އެވެ.

"އީވް" އިން މެއިން ސްޕޮންސަރުކަން ނެގި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މޮބިހޯމް ޓީމަށް ގޯލްޑް މެޑަލާ އެކު އިނާމެއްގެ ގޮތުގައި 10،000ރ. ދީފައިވެ އެވެ. ރަނައަޕް ޓީމަކީ އޮރެގާނޯ އެވެ.

ހަބޭސް ބޮޑުބެރު ބޭންޑުން ގާފަރަށް ކުރި އާއިލީ ދަތުރުގެ ތެރެއިން. ފޮޓޯ: ހަބޭސް
ހަބޭސް ބޮޑުބެރު ބޭންޑުން ގާފަރަށް ކުރި އާއިލީ ދަތުރުގެ ތެރެއިން. ފޮޓޯ: ހަބޭސް

އަދި ގާފަރު ދަތުރުގައި ވަނީ އެ ރަށުން ހޮވައިލެވުނު ޓީމަކާ އެކު ވެސް ހަބޭހުގެ މެމްބަރުން ފުޓްސަލް މެޗެއް ކުޅެފަ އެވެ.

ހަމައެއާ އެކު ހަބޭހަށްޓަކައި އެތައް ބަޔަކު މޮޔަވާ، ހަބޭހުގެ ފޯރިގަދަ ބޮޑުބެރު ލަވަތަކާ އެކު ވަނީ ޝޯއެއް ވެސް ބާއްވައި ގާފަރުގެ ރައްޔިތުން އުފާކޮށް ދީފަ އެވެ.

ހަބޭހުގެ ގާފަރުގެ ހަރަކާތްތަކުގައި އެ ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.

ހަބޭހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން އެ ބޭންޑްގެ އާއިލީ ދަތުރު ބާއްވަމުން އަންނަ އިރު، މިހާރުގެ އަމާޒަކީ ބޭންޑްގެ ކޮންމެވެސް މެމްބަރެއްގެ ރަށަށް، ކޮންމެ އަހަރަކު ވެސް އާއިލީ ދަތުރު ބާއްވަން ކަމަށެވެ.

ހަބޭސް ބޮޑުބެރު ބޭންޑުން ގާފަރަށް ކުރި އާއިލީ ދަތުރުގެ ތެރެއިން. ފޮޓޯ: ހަބޭސް
ހަބޭސް ބޮޑުބެރު ބޭންޑުން ގާފަރަށް ކުރި އާއިލީ ދަތުރުގެ ތެރެއިން. ފޮޓޯ: ހަބޭސް

އެހެންވެ މިގޮތަށް ކުރާ ދަތުރުތަކުގައި ހަބޭހުން ކުޅެދޭ ޝޯތަކަށް އެއްވެސް އަގެއް ނުނަގަ އެވެ. އެއީ ހަމަ ސަޕޯޓަރުންނަށްޓަކައި ބޭންޑުން ހިލޭ ކުރާ ކަމެކެވެ.

ހަބޭހުން ބުނީ އަންނަ އަހަރު ބޭންޑްގެ މެމްބަރެއްގެ ރަށަކަށް އާއިލީ ދަތުރެއް ބާއްވައި، ރަށުގެ ރައްޔިތުންނާ އެކު ފޯރި ނަގައި، މަޖާކޮށް ސަޕޯޓަރުންގެ ހިތްތައް އުފާކޮށް ދޭނެ ކަމަށެވެ.

ހަބޭސް ބޮޑުބެރު ބޭންޑުން ގާފަރަށް ކުރި އާއިލީ ދަތުރުގެ ތެރެއިން. ފޮޓޯ: ހަބޭސް
ހަބޭސް ބޮޑުބެރު ބޭންޑުން ގާފަރަށް ކުރި އާއިލީ ދަތުރުގެ ތެރެއިން. ފޮޓޯ: ހަބޭސް

ހަބޭހުގެ އާއިލީ ދަތުރު އެންމެ ފުރަތަމަ 2014 ގައި ބޭއްވީ ފަން އައިލެންޑަށެވެ. އަދި 2015 ގައި ވ. ފެލިދު އަށް އާއިލީ ދަތުރު ބޭއްވި އިރު، މިދިޔަ އަހަރު ދިޔައީ ތ. ވަންދުއަށެވެ.