ވެލިދޫގައި ބޮޑު އީދާއި ޒުވާނުންގެ ދުވަސް ކުލަ ގަދަކޮށް

މި އަހަރުގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ބޮޑު އީދު ބަންދާ ދިމާވާތީ އެ ދެ މުނާސަބަތު އެއްކޮށްލައިގެން ކުލަގަދަކޮށް ފާހަގަކުރަން ނ. ވެލިދޫން ތައްޔާރުވާން ފަށައިފި އެވެެ.


އެ ރަށު ކައުންސިލާއި އީދުގެ ހަރަކާތްތަކަށް ކަނޑައަޅާފައިވާ ކޮމިޓީ ގުޅިގެން ހިންގާ ހަރަކާތްތައް މި މަހުގެ 10-15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހަކީ މި މަހުގެ 12 އެވެ. އެ ދުވަހު ވެލިދު އަށް ވަޑައިގަންނަވާ ޔޫއެންގެ ވަފުދަށް ހާއްސަކޮށްގެން ވެސް ގިނަ ހަރަކާތްތަކެއް ވެލިދޫ ސްކޫލްގެ ބެލެނިވެރިންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

އީދު އުފާގެ ނަމުގައި ބާއްވާ ބޮޑު އީދު ހަރަކާތްތަކާ ގުޅޭ ގޮތުން އީދު ކޮމިޓީގެ މުގައްރިރު އާދަމް އިބްރާހީމް ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރަކީ ވެސް ވެލިދޫގައި ވަރަށް ފޯރިގަދަ އީދަކަށް ވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގިނަ ކުޅިވަރުތަކާ އެކު، ޒަމާނީ މިއުޒިކާއި ނެށުމުގެ ހަރަކާތްތަކެއް ވެސް އީދު ތެރޭގައި ވެލިދޫން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަށުގައި ޕަފޯމް ކުރާ ބޭންޑްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު ބޭންޑާއި ގްރެވިޓީ އާއި ޓްރެފިކް ޖޭމް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޑާންސް ގްރޫޕެއްގެ ހުށަހެޅުންތަކެއް ވެސް ހިމެނޭނެ އެވެ.

"އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް އަދި ވަރަށް އުފާވެރިކޮށް ވެލިދޫގައި އީދު އުފާ ކުރިއަށް ދާނީ. އަބަދު ވެސް އަޅުގަނޑުމެން ބަލަން ވީހާ ވެސް ބޮޑަށް ސަގާފީ ގިނަ ކުޅިވަރުތައް އީދު ތެރޭގައި ބާއްވަން. އެގޮތުން މި ފަހަރު ވެސް ވަރަށް ގިނަ ކުޅިވަރުތަކެއް ދުވާލާއި ރޭގަނޑު ވެސް ފެނިގެން ދާނެ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު އީދާ ދިމާކޮށް ވެލިދު އަށް މި ފަހަރު 1،200 އެއްހާ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ހުރިހާ މެހުމާނުންނަށް ވެސް ވަރަށް ވެސް ފުރިހަމަ މެހުމާންދާރީއެއް ރަށުގެ ރައްޔިތުން އަދާކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް އަޅުގަނޑުމެން މިކަން ކުރާތާ މިހާރު ދިހަ ވަރަކަށް އަހަރުވެއްޖެ،" އާދަމް ވިދާޅުވި އެވެ. "ވަރަށް ފޯރިގަދަކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވާ ގޮތަށް ކޮންމެ އަހަރަކު ވެސް ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށް ދަނީ."

ވެލިދޫ އީދު އުފާގެ ތާވަލު ވެސް އީދު އުފާ ފޭސްބުކްގައި ޕޭޖްގައި މިހާރު ވަނީ ހިއްސާކޮށްފަ އެވެ.