ބޮލީވުޑްގެ ފިލްމުތައް އުފެއްދުމުގައި މަސައްކަތްކުރާ ވަގުތުތައް މަދުކޮށް، ދުވާލަކު 8 ގަޑިއިރަށް ޝޫޓިންގެ ވަގުތު ފެއްތުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު އެ އިންޑަސްޓްރީގެ ތަރިންނާއި ފިލްމު އުފައްދާ ފަރާތްތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިއްޖެ އެވެ.

ބޮލީވުޑަކީ އާންމު ގޮތެއްގައި 12 ގަޑިއިރާއި 18 ގަޑިއިރާ ދެމެދުގެ ދިގު، އަދި ބައެއް ފަހަރު މެދުކެނޑުމެއް ނެތި 24 ގަޑިއިރަށް ވުރެ ގިނައިރު ވެސް މަސައްކަތް ކުރަން ޖެހޭ ވަރުގަދަ ޝެޑިއުލްތަކެއް އޮންނަ ތަނެކެވެ. ނަމަވެސް، މިފަހަކަށް އައިސް އިންސާނީ ހައްގުތަކަށް އިސްކަންދީ، ސިއްހަތަށް ފައިދާހުރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ.

މި ބަހުސް އިތުރަށް ހޫނުވީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން މަންމައަކަށް ވުމަށް ފަހު، މަސައްކަތުގެ ވަގުތު ކުރުކޮށްދިނުމަށް އެދުމުން އެކަމަށް އެއްބަސްނުވުމުގެ ސަބަބުން ބޮޑު ފިލްމަކުން މިދިޔަ އަހަރު އޭނާ ވަކިވި ހިސާބުންނެވެ.

އެކަމާ ގުޅިގެން ސުނިލް ޝެޓީ އާއި ކާޖޮލް އަދި ރާމް ކަޕޫރު ކަހަލަ ތަރިން ވަނީ މަސައްކަތުގެ ވަގުތުތަކަށް ވަކި އިމެއް ކަނޑައެޅުމަށް ތާއީދުކޮށްފަ އެވެ. ރާމް ކަޕޫރު ބުނި ގޮތުގައި، ފިލްމީ ދާއިރާގައި ކާމިޔާބީ ހޯދުމަށް ފަހު، މަސައްކަތް ކުރާނެ ވަގުތު އަމިއްލައަށް އިހުތިޔާރު ކުރުމުގެ ބާރު ތަރިންނަށް ލިބެންޖެހެ އެވެ.

ނަމަވެސް، ބައެއް އެހެން ފަންނާނުން ބުނި ގޮތުގައި، ބޮޑެތި ބަޖެޓުތަކުން އުފައްދާ ފިލްމުތަކުގައި 8 ގަޑިއިރުގެ ހަރުކަށި އުސޫލެއް ގެންގުޅުމަކީ ވާނެ ކަމެއް ނޫނެވެ. އެކްޓަރު އަލީ ފަޒަލް އަދި އެކްޓްރެސް ޗިތުރަންގަދާ ސިންގް ބުނި ގޮތުގައި، މިއީ ކޯޕަރޭޓް އޮފީސް ވަޒީފާއެއް ކަހަލަ ކަމެއް ނޫނެވެ. މޫސުން ގޯސްވުމާއި މެޝިނަރީ މައްސަލަތައް ދިމާވުމުގެ ސަބަބުން ޝޫޓިންތައް ދިގުލައިގެން ދިއުމަކީ އެކަށީގެންވާ ކަންކަމެވެ.

މީގެ އިތުރުން، ފިލްމު އުފެއްދުމުގެ ވިޔަފާރިގެ ހަގީގަތްތަކަށް ބަލާއިރު، ބޮޑެތި ފިލްމުތައް ޝޫޓްކުރުމަށް ދުވާލަކު 26،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ)އަށް ވުރެ ގިނައިން ހޭދަވާ ކަމަށް އެ އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ.

ސިނެ އެންޑް ޓީވީ އާޓިސްޓްސް އެސޯސިއޭޝަންގެ ކުރީގެ އޮފިޝަލް އަމިތު ބެހަލް އޭއެފްޕީއަށް ބުނީ ރަންބީރު ކަޕޫރުގެ މަޝްހޫރު ފިލްމު "އެނިމަލް" ޝޫޓްކުރި ގޭގެ ކުއްޔަށް އެކަނިވެސް ދުވާލަކު 25 ލައްކަ ރޫޕީސް ހޭދަވި ކަމަށެވެ. އެހެންވެ، ފިލްމެއްގެ މެދުތެރެއިން ޝޫޓިން ހުއްޓާލައިފި ނަމަ ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

އަމިތު ބުނީ ސުޕަސްޓާރު ޝާހްރުކް ޚާން ކަހަލަ ތަރިން ވެސް މަންޒަރެއް ފުރިހަމަކުރުމަށް ނުހުއްޓި 27 ގަޑިއިރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށެވެ. މަޝްހޫރު ޑައިރެކްޓަރު ޝޭކަރް ކަޕޫރު ވަނީ ތަރިންނާއި ޓެކްނީޝަނުންނާ ދެމެދު ތަފާތުކުރުން ނުގެންގުޅެ، ހުރިހާ މަސައްކަތްތެރިންނަށް ވެސް ހަމަހަމަ ވަގުތު ލިބެން ޖެހޭނެ ކަމަށް ބުނެފަ އެވެ.

މި ބަހުސަށް ވާހަކަދައްކަމުން ބޮލީވުޑްގެ ތަރި މާދުރީ ދީކްޝިތު ބުނީ މިއީ މުޅި އިންޑަސްޓްރީގެ ނިޒާމީ މައްސަލައަކަށް ހެދުމުގެ ބަދަލުގައި، ކޮންމެ މީހަކު ވެސް އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމެއް ކަމަށެވެ.

މާދުރީ ބުނީ މިދިޔަ އަހަރު ފިލްމު "މިސިޒް ދޭޝްޕާންޑޭ"ގެ މަސައްކަތުގައި އޭނާ ދުވާލަކު 12 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރި ނަމަވެސް، މަދުން މަސައްކަތް ކުރަން ބޭނުންވާ އަންހެނުންނަށް އެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ. އޭނާއަކީ އަބަދުވެސް މަސައްކަތަށް ހުސްވެފައި ހުންނަ "ވޯކަހޮލިކް"އެއް ނަމަވެސް، އެންމެންނަށް އެހެން ނުވާނެ ކަމަށް މާދުރީ ބުންޏެވެ.