އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް، ބޮބީ ޑިއޯލް ލީޑް ރޯލު ކުޅޭ ކްރައިމް ތުރިލާ ފިލްމު "ބަންދަރު"އަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމަށް ފުރަތަމަ ދެ ދުވަހު ވެސް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ. ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބި، ބޮބީގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް، ފިލްމަށް ލިބޭ އާމްދަނީ އަދިވެސް ވަރަށް ދަށެވެ.

ފުރަތަމަ ދެ ދުވަހު އެ ފިލްމަށް ލިބިފައި ވަނީ އެންމެ 95 ލައްކަ ރުޕީސް އެވެ. ފުރަތަމަ ދުވަހު ފިލްމަށް 50 ލައްކަ ރުޕީސް ލިބުނުއިރު، ދެވަނަ ދުވަހު ވިޔަފާރިއަށް ކުޑަ ކުރިއެރުމެއް އައި ނަމަވެސް، އެއްވެސް ދުވަހަކު އަދި އެއް ކްރޯޑް ރުޕީސް ލިބިފައި ނުވެ އެވެ. އެއާ އެކު، އެ ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 1.74 ކްރޯޑް ރުޕީސް އެވެ. 

"ބަންދަރު" އުފެއްދީ 25 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. 

އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައި ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެހެން ފިލްމުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ވަރުން ދާވަންގެ "ހައި ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އާއި ހޮލީވުޑްގެ ބިރުވެރި ފިލްމު "އޮބްސެޝަން"ގެ އިތުރުން ރާމް ޗަރަންގެ ތެލުގޫ ފިލްމު "ޕެއްޑީ" ހިމެނެ އެވެ.

"ބަންދަރު"ގެ ވާހަކަ ބިނާކޮށްފައި ވަނީ އޭނާގެ ފަނޑުވަމުންދާ ކެރިއަރު ސަލާމަތްކުރަން އުޅޭ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސަމަރު (ބޮބީ ޑިއޯލް)ގެ މައްޗަށެވެ. ގަޔަތުރީ (ސަޕްނާ ޕައްބީ) ކިޔާ އަންހެނަކު ކުރި ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން ސަމަރު ކުއްލިއަކަށް ހައްޔަރުކުރުމުން އޭނާގެ ދިރިއުޅުން ބޮޑު ހައިޖާނެއްގެ ތެރެއަށް ވެއްޓެ އެވެ. އެ ތުހުމަތުން ސަލާމަތްވުމަށް ކޮރަޕްޓް ނިޒާމެއްގެ ތެރޭގައި އޭނާ ކުރާ ގާނޫނީ ހަނގުރާމަ އެ ފިލްމުގައި ދައްކަ އެވެ.

އެ ފިލްމުގައި ބޮބީގެ އިތުރުން ސާންޔާ މަލްހޯތުރާ، ސަބާ އަޒާދު، ރާޖް ބީ ޝެޓީ، ޖިތެންދުރާ ޖޯޝީ، ރިއްދީ ސެން، އިންދުރަޖިތު ސުކުމާރަން އަދި ނާގޭޝް ބޮންސްލޭ މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.

އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ޕާޓަލް ލޯކް" އާއި "އުޑުތާ ޕަންޖާބް" ކަހަލަ މަޝްހޫރު ޕްރޮޖެކްޓްތައް ލިޔުނު ސުދީޕް ޝަރުމާ އާއި އަބީޝެކް ބެނަޖީ އެވެ. އަދި އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ނިކިލް ދެވިވޭދީގެ ސެފްރަން މެޖިކްވޯކްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެންނެވެ.