ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން، އޭނާ ފިލްމީ ކެރިއަރަށް 34 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ކަރުނާޓަކާގެ މެންގަލޯރަށް ގޮސް، އޭނާގެ މަގުބޫލު ލަވަތަކަށް ނަށައި ފޭނުންނަށް ހަނދާނުން ފޮހެނުލެވޭނެ ފަދަ ރެއެއް ހަދިޔާކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި ރިއަލް އެސްޓޭޓް ގްރޫޕަކުން އިންތިޒާމުކުރި ހާއްސަ ހަފުލާއެއްގައި ބައިވެރިވުމަށް ޝާހު މެންގަލޯރަށް ދިޔައީ އިއްޔެ އެވެ.
ޝާހްރުކް އުފަންވީ ނިއު ދިއްލީއަށް ނަމަވެސް، އޭނާގެ ކުޑައިރުގެ ފުރަތަމަ ފަސް އަހަރު (1965 އިން 1970 އަށް) ހޭދަކުރީ މެންގަލޯރުގަ އެވެ. އެއީ އޭނާގެ ކާފަ އިފްތިޚާރު އަހުމަދާ އެކުގަ އެވެ. އެހެންވެ، މިއީ އޭނާގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ސިޓީއެކެވެ.
އެ ހަފްލާ ދިމާވީ 1992 ވަނަ އަހަރު ރިލީޒްކުރި ޝާހުގެ ފުރަތަމަ ފިލްމު "ދީވާނާ" އަށް 34 އަހަރު ފުރުނު ދުވަހާ އެވެ. ސްޓޭޖަށް އަރައި ޝާހު ވަނީ ކަންނަޑާ ބަހުން "ނަމަސްކާރާ"އޭ ބުނެ ހުރިހާ ފޭނުންނަށް ސަލާމްކޮށްފަ އެވެ. އަދި އެއާޕޯޓުން ފެށިގެން އެ ސަރަހައްދަށް ދެވުނުއިރު ފޭނުންގެ ފަރާތުން ލިބުނު ލޯތްބާއި މަރުހަބާއަށް ޝާހު ޝުކުރު އަދާކުރި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ހަފްލާގައި ޝާހު ވަނީ އޭނާގެ މަގުބޫލު ލަވަތައް ކަމަށްވާ "ޖޫމޭ ދޯ ޕަތާން" އާއި ފޭނުންގެ އެދުމުގެ މަތިން "ޗަމްމަކް ޗަލޯ" އަށް ނަށައިފަ އެވެ. އޭގެ އިތުރުން އޭނާގެ އެންމެ ކާމިޔާބު އެއް ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖައިނގީ"ގެ ބައެއް ހަނދާންތައް ވެސް އޭނާގެ ސިގްނޭޗާ ޕޯޒާ އެކު އާކޮށްދިނެވެ.
ޝާހު މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ކިންގް" އަށެވެ. އެ ފިލްމަކީ އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް ތައާރަފުވާ ވެސް ފިލްމެވެ.
އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ "ކިންގް"އަކީ 1994 ގެ ކްލެސިކް ފިލްމު "ލިއޯން: ދަ ޕްރޮފެޝަނަލް" އަށް ބިނާކޮށް އުފައްދާ، ކުޑަ އަންހެން ކުއްޖަކު ސަލާމަތްކުރަން އުޅޭ ތަޖުރިބާކާރު ހިޓްމޭންއެއްގެ ރޯލުން ޝާހު ކުޅޭ ފިލްމެކެވެ.
ޝަހު އާއި ސުހާނާއާ އެކު މުހިންމު ރޯލުތަކުން ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން، އަރްޝަދް ވަރްސީ، ރާގަވް ޖުޔަލް އަދި ޖައިދީޕް އަހްލާވަތު އެ ފިލްމުގައި ފެންނާނެ އެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. އަދި ކޯ-ރައިޓަރަކީ ސުޖޯއި ގޯޝް އެވެ.