ބޮލީވުޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖު ލީޑު ރޯލު ކުޅެފައިވާ ބަޔޮގްރަފިކަލް ޑްރާމާ ފިލްމު "ސަތުލުޖް" އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމް "ޒީފައިވް" އިން ކުއްލި ގޮތަކަށް ބްލޮކް ކުރުމާ ގުޅިގެން ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.
"ސަތުލުޖް"އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ހަނީ ތުރެހާން އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ދިލްޖީތު ކުޅުނީ ޕަންޖާބުގެ މަޝްހޫރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރި އެކްޓިވިސްޓް ޖަސްވަންތު ސިންގް ޚަލްރާގެ ރޯލެވެ.
ޚަލްރާ އަކީ 1984 އިން 1994 އާ ދެމެދު ޕަންޖާބުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ގެއްލުވާލި ގިނަ އަދަދެއްގެ ޒުވާނުން ހޯދަން މަސައްކަތްކުރި މީހެކެވެ. މި ހަގީގަތްތައް ދުނިޔެއަށް ހާމަކުރަނިކޮށް، 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕަންޖާބުގެ ފުލުހުން އޭނާ ވަގަށް ނަގައި، އަނިޔާކޮށް މަރާލި އެވެ.
މި ފިލްމުގައި ދިލްޖީތުގެ އިތުރުން އަރުޖުން ރާމްޕާލް ވެސް މުހިންމު ރޯލެއް ކުޅެފައިވެ އެވެ.
މި ފިލްމު ރިލީޒްކުރުމުގެ ކުރިން މީގެ އުފެއްދުންތެރިންނާއި އިންޑިއާގެ ސެންސަރު ބޯޑާ ދެމެދުގައި 2022 ވަނަ އަހަރުން ފެށިގެން ބޮޑެތި ދެބަސްވުންތަކެއް ވެސް ވަނީ ހިނގައިފަ އެވެ.
އެންމެ ފުރަތަމަ މި ފިލްމަށް ކީ ނަމަކީ "ގައްލޫގަހާރާ" އެވެ. އެއަށް ފަހު ސެންސަރު ބޯޑުގެ އިއުތިރާޒްތަކާ ހުރެ ނަން "ޕަންޖާބު 95" އަށް ބަދަލުކުރި އެވެ. އަދި އެންމެ ފަހުން ރިލީޒްކުރީ "ސަތުލުޖް"ގެ ނަމުގަ އެވެ.
ސެންސަރު ބޯޑުން ވަނީ ފިލްމުން 127 މަންޒަރެއް ކަނޑަން ވެސް އަންގައިފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ދިދަ ފެންނަ މަންޒަރުތަކާއި ޕަންޖާބު ފުލުހުންގެ ވާހަކަ ދައްކާ ބައިތައް ވެސް ހިމެނެ އެވެ. އަދި 2023 ވަނަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި މި ފިލްމު ޕްރިމިއާ ކުރަން އޮތް ނަމަވެސް، އިންޑިއާ ސަރުކާރުގެ ޕްރެޝަރާ ހުރެ ފެސްޓިވަލް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ފިލްމު ނުދައްކަން ނިންމި އެވެ.
ސެންސަރު ބޯޑުގެ ނިންމުމަށް އެއްބަސްނުވެ، ފިލްމުގެ އުފެއްދުންތެރިން ނިންމީ ސިނަމާތަކުގެ ބަދަލުގައި ސްޓްރީމިންއަށް މި ފިލްމު ދޫކޮށްލާށެވެ. އެހެންވެ، އެއްވެސް މަންޒަރެއް ނުކަނޑައި، މިދިޔަ ހުކުރު ދުވަހު "ޒީފައިވް" މެދުވެރިކޮށް މި ފިލްމު ސްޓްރީމް ކުރަން ފެށި އެވެ.
ނަމަވެސް، އެ ޕްލެޓްފޯމުން މި ފިލްމު ބަލަން ލިބުނީ އެންމެ 48 ގަޑިއިރަށެވެ. ޒީފައިވް އިން އިއްޔެ ވަނީ އިންޑިއާގެ އޯޑިއެންސަށް މި ފިލްމު ނުފެންނާނެ ގޮތަށް ބްލޮކް ކޮށްފަ އެވެ.
ޒީފައިވް އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހިނގަމުންދާ ކަންތައްތަކަށް ރިއާޔަތްކޮށް، ވަކި ގޮތެއް އަންގަންދެން އެ ޕްލެޓްފޯމުން އިންޑިއާގެ ބެލުންތެރިންނަށް "ސަތުލުޖް" ނުފެންނާނެ ކަމަށެވެ. ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން މި ފިލްމު އަލުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މި ފިލްމު މަނާކުރާނެކަން ދިލްޖީތަށް ކުރިން ވެސް އޮތީ އެނގިފަ އެވެ. އޭނާގެ އިންސްޓަގްރާމް ލައިވްއެއްގައި މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި، ހޯމަ ދުވަސް އަންނަންވާއިރަށް މި ފިލްމު ސްޓްރީމް ނުކުރެވޭނެ އެވެ.
"މިއަދަކީ ހޮނިހިރު. މަގޭ ހިތް ބުނަނީ ހޯމަ ދުވަސް އަންނަންވާއިރަށް މި ފިލްމު ނަގާނެއޭ. އެހެންވީމާ އަވަހަށް ޑައުންލޯޑް ކުރޭ،" ދިލްޖީތު ބުނެފައިވެ އެވެ.
މި މައްސަލައިގައި އިންޑިއާގެ ސިޔާސީ ޕާޓީތަކުންނާއި ސިކުންގެ ޖަމާއަތްތަކުން ދަނީ އިންޑިއާގެ މައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިއީ ހަގީގަތް ފޮރުވުމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދިން ވަރުގަދަ ހަމަލާއެއް ކަމަށް އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުން ސިފަކޮށްފައިވެ އެވެ. ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހަރްބަޖަން ސިންގް ވެސް ވަނީ ފިލްމަށް ސަޕޯޓްކޮށް، ހަގީގަތް ފޮރުވަން މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.