ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒްގެ އާ ފިލްމު "ދަމާލް 4" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މަހު 10 ގައި ރިލީޒްކުރި މި ފިލްމު ވަނީ ފުރަތަމަ ހަފުތާ ނިމުނުއިރު ދުނިޔޭގެ ބޮކްސް އޮފީހުގައި 132.74 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 15.8 މިލިއަން ޑޮލަރު) ހޯދައިފަ އެވެ.
މި ފިލްމަށް ކްރިޓިކުންގެ ފަރާތުން އެކި ކަހަލަ ހިޔާލުތައް ލިބުނު ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާ އެކު އިންޑިއާގެ އެތެރޭގެ މާކެޓުން އެކަނިވެސް ވަނީ 96 ކްރޯޑް ރުޕީސް (9.9 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
ލަފާކުރެވޭ ގޮތުގައި މިއަދުގެ ނިޔަލަށް މި ފިލްމު އިންޑިއާ ފިލްމުތަކުގެ 100 ކްރޯޑް ކްލަބަށް ވަންނާނެ އެވެ.
"ދަމާލް 4" އުފެއްދީ 150-200 ކްރޯޑު ރުޕީސް (15.6-20.8 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
އިންދުރަ ކުމާރު ޑައިރެކްޓްކޮށްފައިވާ "ދަމާލް 4"ގެ ވާހަކަ ބިނާކޮށްފައި ވަނީ މި ފިލްމު ސީރީޒްގެ ކުރީގެ ފިލްމުތަކެކޭ ވެސް އެއްގޮތަށް، ވަޅުލާފައިވާ ހަޒާނާއެއް ހޯދުމަށް ކުރާ މަޖާ އަދި ހަލަބޮލި ދަތުރެއްގެ މައްޗަށެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވަރްސީ، ޖާވިދު ޖެފްރީ، ސަންޖޭ މިޝްރާ އަދި ރަވީ ކިޝަން އެވެ. މީގެ އިތުރުން، ކުރީގެ މަޝްހޫރު އެކްޓަރު އަދި މިދިޔަ އަހަރު މަރުވި ސަތިޝް ކޯޝިކްގެ އޭއައި ކެމިއޯ ރޯލެއް ވެސް މި ފިލްމުން ފެނެ އެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ފުރަތަމަ ހަފުތާގައި ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، މިއަދުން ފެށިގެން މި ފިލްމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެއީ މިއަދު ރިލީޒްކުރާ، ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ "ދަ އޮޑިސީ"ގެ ސަބަބުން އިންޑިއާގެ މަލްޓިޕްލެކްސް ސިނަމާތަކުން "ދަމާލް 4"އަށް ލިބޭ ޝޯތަކުގެ އަދަދު މަދުވާނެ ކަމަށް ބެލެވޭތީ އެވެ.