އިންޑިއާގެ ސިނަމާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ 72 ވަނަ ގައުމީ ފިލްމް އެވޯޑްސް މި އަހަރު ކާމިޔާބުކުރި ފިލްމުތަކާއި އާޓިސްޓުންގެ ނަންތައް އިއްޔެ އިއުލާންކޮށްފި އެވެ.
މި ފަހަރުގެ އެވޯޑްގައި އެންމެ ބޮޑު ޝަރަފެއް ހޯދާފައި ވަނީ ބޮލީވުޑްގެ ތަރި ޔާމީ ގޯތަމް އާއި އޭނާގެ ފިލްމު "އާޓިކަލް 370" އެވެ.
މި ފަހަރުގެ އެވޯޑްގައި އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑް ކާމިޔާބުކުރީ ސިޔާސީ ތުރިލާ ފިލްމު "އާޓިކަލް 370" އެވެ. އަދި އެ ފިލްމުގައި ދެއްކި މޮޅު ހުނަރާ އެކު، ފިލްމުގެ ލީޑް އެކްޓްރެސް ޔާމީއަށް ވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ގައުމީ އެވޯޑް ނުވަތަ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފަ އެވެ.
މި ކާމިޔާބީއާ އެކު ޔާމީ ބުނެފައި ވަނީ މިއީ އޭނާގެ 14 އަހަރުވީ ފިލްމީ ކެރިއަރުގައި ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
މީގެ އިތުރުން، އެ ފިލްމުގެ މިއުޒިކް ޑައިރެކްޓަރު ޝާޝްވަތު ސަޗްދޭވް ވެސް ވަނީ އެންމެ މޮޅު މިއުޒިކް ޑައިރެކްޝަންގެ އެވޯޑް ހާސިލްކޮށްފަ އެވެ.
އެންމެ މޮޅު އެކްޓަރުގެ މަގާމު ދެ ތަރިއަކަށް
މި ފަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވަނީ ދެ ތަރިއަކަށް ލިބިފަ އެވެ. އެއީ؛
- ކާތިކް އާރިޔަން: ފިލްމު "ޗަންދޫ ޗެމްޕިއަން"ގައި ޕެރަލިމްޕިކް ރަން މެޑަލް ހޯދި މުރްލިކާންތު ޕެޓްކަރްގެ ރޯލުން. މިއީ ކާތިކްގެ ފުރަތަމަ ގައުމީ އެވޯޑް.
- މަމޫޓީ: މަލަޔާޅަމް ސިނަމާގެ ސުޕަސްޓާރު މަމޫޓީ ވަނީ ހޮރޯ-ތުރިލާ ފިލްމު "ބްރަމަޔުގަމް" އިން އޭނާގެ ހަތަރުވަނަ ގައުމީ އެވޯޑް ހާސިލްކޮށްފައި.
އެހެނިހެން މުހިންމު އެވޯޑްތައް
- އެންމެ މޮޅު ޑައިރެކްޓަރު: ރާޖްކުމާރު ޕެރިޔާސާމީ (އަމަރާން)
- އެންމެ މަގުބޫލު ފިލްމު: ކަލްކީ 2898 އޭޑީ
- އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ސަންޖޭ މިޝްރާ (ބަކްޝަކް)
- ސްޕެޝަލް މެންޝަން: ތަމަޅަ ސުޕަސްޓާރު ދަނުޝްއަށް "ކެޕްޓަން މިލާ" އިން މި އެވޯޑް ލިބުނުއިރު، އޭނާ ޑައިރެކްޓްކުރި "ރާޔަން" އަށް ވަނީ އެންމެ މޮޅު ތަމަޅަ ފިލްމުގެ އެވޯޑް ލިބިފައި.
އިންޑިއާ ސަރުކާރުން ދޭ ގައުމީ ފިލްމު އެވޯޑްގެ ރަސްމީ ހަފުލާ ބާއްވާ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.