ބޮލީވުޑްގެ ތަރި ޔަމީ ގޯތަމް، އޭނާގެ ކާމިޔާބު ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ކުޅެން ފުރުސަތު ލިބުމުގެ ކުރިން ފިލްމީ ދާއިރާއާ މުޅިން ދުރަށް ދާން ނިންމި ކަމަށް ބުނެފި އެވެ.  

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޔަމީ ބުނީ އޭނާ 2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ފިލްމު "ވިކީ ޑޯނާ"އަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، އެއަށް ފަހު އެކަށީގެންވާ ރަނގަޅު ރޯލުތަކެއް އޭނާއަށް ނުލިބި ގިނަ އަހަރުތަކެއް ވެގެންދިޔަ ކަމަށެވެ.

ޔަމީ ބުނި ގޮތުގައި، "ވިކީ ޑޯނާ"އަކީ އާންމުކޮށް ބޮލީވުޑަށް އަލަށް ނުކުންނަ އެކްޓަރުން ތައާރަފުވާ ކަހަލަ ފިލްމަކަށް ނުވާތީ، އޭނާގެ ކެރިއަރަށް އޭގެ އަސަރު ކުރި އެވެ. އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި ގިނަ ދުވަސްތަކެއް ވުމުން، އެކްޓް ކުރުން ހުއްޓާލުމަށް ފަހު އެނބުރި އޭނާގެ އުފަން ރަށް ހިމާޗަލް ޕްރަދޭޝް އަށް ބަދަލުވާން ނިންމި ކަމަށް ވެސް ޔަމީ ބުންޏެވެ.

"ޔޫރީ އާއި ބާލާގެ ކުރިން، މުޅި ފިލްމީ ދާއިރާ ދޫކޮށްލަން ނިންމައިގެން ހުރީ. އަހަރެމެންގެ ދަނޑުވެރިކަން ކުރާ ބިންތައް ހުންނާނެ ހިމާޗަލްގައި. އާ ދިރިއުޅުމެއް ފަށަން ނިންމައި، މައިންބަފައިން ކައިރި ބުނުމުން އެމީހުން ވެސް ބުނީ ގެއަށް އަންނާށޭ. ނަމަވެސް، ފަހުން ކަންކަން މުޅިން ބަދަލުވެގެން ދިޔައީ،" ޔަމީ ބުންޏެވެ. 

މީގެ ހަތް އަހަރު ކުރިން 2019 ގައި ނުކުތް "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ބާލާ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ޔާމީގެ ކެރިއަރު މުޅިން އެހެން މިސްރާބަކަށް އަނބުރާލި ދެ ފިލްމެވެ. "ޔޫރީ" އަކީ ޔާމީގެ މިހާރުގެ ފިރިމީހާ އަދިތުޔާ ދަރު ޑަރެކްޓްކުރި ފިލްމެކެވެ.

އެ އިންޓަވިއުގައި ޔާމީ ވަނީ ބޮލީވުޑްގެ ފިލްމީ އާއިލާތަކާއި ނުފޫޒުގަދަ މީހުންނާ ގުޅުން ނޯންނަ ފަންނާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކައިފަ އެވެ.

ފިލްމީ އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް ނުވަތަ "ސްޓާ ކިޑްސް" އަށް ނާކާމިޔާބީތަކަށް ފަހު ވެސް ތަކުރާރުކޮށް ފިލްމުތަކުން ފުރުސަތުތައް ލިބޭއިރު، ދާއިރާއާ ގާތް ގުޅުމެއް ނޯންނަ ފަންނާނުންނަށް އެންމެ ފުރުސަތެއް ހޯދުމަކީ ވެސް ބޮޑު އިމްތިހާނެއް ކަމަށް އޭނާ ބުންޏެވެ.

ބައެއް ފިލްމުތަކުގެ ވާހަކަތައް ދެކެވުމަށް ފަހު، އެއްވެސް އެންގުމެއް ނެތި އެ ފުރުސަތުތައް ގެއްލިގެން ދިޔުމުން ވަރަށް ބޮޑަށް ހިތުގައި ޖެހުނު ކަމަށް ޔަމީ ބުންޏެވެ.

ނަމަވެސް މިހާރު ކަންކަން ބަދަލުވަމުންދާ ކަމަށާއި ބެލުންތެރިން މިހާރު ބަލަނީ ފަންނާނުންގެ އާއިލާއަށް ނޫން ކަމަށާއި ބަލަނީ އެކްޓިންގެ ފެންވަރާއި ފިލްމުގެ ފެންވަރަށް ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ކުރިއަށް އޮތް ޖީލަށް އޮތް ބޮޑު އުންމީދެއް ކަމަށް ވެސް އޭނާ ބުންޏެވެ.