އިންޑިއާގައި ލަވަކިޔުން މަނާކުރުމުން އެކަމާ އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އިއްޔެ ބުނެފި އެވެ. 

ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތްކުރުން މަނާކުރިތާ 10 އަހަރު ފުރެން ކައިރިވެފައި ވަނިކޮށް އޮސްޓްރޭލިއާގެ ރޭޑިއޯ ޕްރެޒެންޓަރު ކްރިސް ފޭޑްގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި އާތިފް ބުނީ އިންޑިއާގައި މަސައްކަތް ނުކުރެވުނު ނަމަވެސް އެކަމާ ދެރަ ނުވާ ކަމަށާއި އޭގެ ސަބަބުން އަމިއްލަ މިއުޒިކީ ހުނަރު އިތުރަށް ކުރިއެރުވުމަށް ފުރުސަތު ވެސް ލިބުނު ކަމަށެވެ.

"ސަޕޯޓަރުން މަތިން ހަނދާންވޭ، ނަމަވެސް މަސައްކަތް މަތިން ހަނދާނެއް ނުވޭ،" އާތިފް ބުންޏެވެ. 

އިންޑިއާގެ ސަޕޯޓަރުންނަށް މެސެޖެއް ދެމުން އާތިފް ބުނީ އިންޑިއާގައި މަސައްކަތް ނުކުރާ ނަމަވެސް، އެ ގައުމުގައި ތިބި އޭނާގެ ސަޕޯޓަރުން މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަން ބޭނުންވި ވާހަކައަކީ، އަހަރެން އެ އެންމެންގެ މަތިން ހަނދާންވެޔޭ. އެކަމަކު އެތަނުގައި މަސައްކަތްކުރުން މަތިން ހަނދާނެއް ނުވެޔޭ. ޕްލޭބެކް ސިންގިން (ފިލްމުތަކަށް ލަވަކިޔައިދިނުން) އިން އަހަރެންނަށް ވަރަށް ގިނަ އެއްޗެހި ދަސްވި. އަދި މަނާ ނުކުރި ނަމަ، އަމިއްލަ މިއުޒިކް އުފެއްދުމުގެ ފުރުސަތެއް އަހަންނަށް ނުލިބުނީސް. އެހެންވެ، އެކަމަށްޓަކައި އަހަރެން ޝުކުރުވެރިވަން،" އާތިފް ބުންޏެވެ. 

"އަހަރެން މަނާ ކުރި މީހުންނަށް ވެސް ޝުކުރު އަދާކުރަން. އެހެން ނޫން ނަމަ އަހަރެންގެ އަމިއްލަ ހުނަރު ކުރިއަރުވަން ފުރުސަތެއް ނުލިބުނީސް."

އާތިފް ބުނީ އިންޑިއާގައި އޭނާ މަނާކުރިޔަސް، އިންޑިއާގައި ތިބި އޭނާގެ ސަޕޯޓަރުން ވީޕީއެން ބޭނުންކޮށްގެންނާއި އެހެން ގޮތްގޮތުން ވެސް އޭނާގެ ލަވަތައް އަދިވެސް އަޑުއަހާ ކަމަށެވެ.

އިންޑިއާގެ އުރީގައި 2016 ވަަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ދެ ގައުމުގެ ގުޅުން ގޯސްވުމާ އެކު އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން ވަނީ ޕާކިސްތާނުގެ ފަންނާނުންނާއި ޓެކްނީޝަނުން އިންޑިއާގެ ފިލްމުތަކުގައި މަސައްކަތްކުރުން މަނާކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ޕުލްވާމާ ހަމަލާއަށް ފަހު، އޯލް އިންޑިއާ ސިނޭ ވޯކާސް އެސޯސިއޭޝަނުން ވެސް ވަނީ ޕާކިސްތާނުގެ ފަންނާނުންނާ އެކު މަސައްކަތްކުރުން މަނާކޮށްފަ އެވެ.

އާތިފަކީ ބޮލީވުޑްގައި އެންމެ މަގުބޫލުވި އެއް ލަވަކިޔުންތެރިޔާ އެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އާދަތު" އާއި "ވޯ ލަމްހޭ" އާއި "ޕެހެލީ ނަޒު މޭ" އާއި "ތޫ ޖާނެ ނާ" އާއި "ތެރެ ސަންގް ޔާރާ" އަދި "ތޭރާ ހޯނޭ ލަގާ ހޫ" ކަހަލަ ލަވަތައް ހިމެނެ އެވެ.