"ނޯޓްބުކް" އަށް އާތިފު އަސްލަމް ކިޔައިދިން ލަވަ ސަލްމާން ހާންގެ އަޑުން

ސަލްމާން ހާން ޕްރޮޑިއުސްކޮށް، މި މަހު ރިލީޒްކުރާ ފިލްމު "ނޯޓްބުކް" އަށް ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ކިޔައިދިން ލަވަ "މޭ ތާރޭ" ފިލްމުގައި ނުހިމަނަން ނިންމައި، އެ ލަވަ ސަލްމާންގެ އަޑުން ރިކޯޑްކޮށްފި އެވެ.


"މޭ ތާރޭ" އަކީ ލޯބީގެ ލަވައެކެވެ. މި ލަވަ އާތިފް ލައްވައި ކުރިން ރިކޯޑް ކުރުވި އިރު، އޭނާއަކީ މިހާތަނަށް ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ކިިޔައިދީފައިވާ ފަންނާކެނެވެ. އަދި ޕާކިސްތާނުގެ ލަވަކިޔުންތެރިންގެ ތެރެއިން އިންޑިއާގައި އެންމެ މަޝްހޫރު އެކަކީ ވެސް އާތިފެވެ. މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާންގެ "ރޭސް 3" ގެ ލަވައެއް ވެސް އާތިފު ކިޔާފައިވެ އެވެ.

ނަމަވެސް "ނޯޓްބުކް" އަށް އޭނާ ރިކޯޑް ކުރި ލަވަ ފިލްމަށް ނުލާން ނިންމީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތަކުން އިންޑިއާ އަށް ހަމަލާދީ އެ ގައުމުގެ ސިފައިންގެ ބަޔަކު މަރާލި ހާދިސާއާ ގުޅިގެން ދެ ގައުމުގެ މެދުގައި މައްސަލަ ހޫނުވުމުންނެވެ.

ސަލްމާން ކިޔާފައިވާ "މެ ހޫ ހީރޯ ތެރާ".

އެ ހަމަލާއާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ވަނީ ޕާކިސްތާނުގެ ފަންނާނުންނަށް ފުރުސަތު ދިނުން ހުއްޓާލައި، އެ މީހުން އިންޑިއާ އިން ބޮއިކޮޓްކުރަން ވެސް ގޮވާލައިފަ އެވެ.

"ނޯޓްބުކް" ގެ ލަވައަކުން ސަލްމާންގެ އަޑު އިވިގެންދާ އިރު މީގެ ކުރިން ވެސް އޭނާ ބައެއް ފިލްމުތަކަށް ލަވަ ކިޔާފައިވެ އެވެ. އޭގެ ތެރޭގައި 2014 ގެ "ކިކް" ގެ "ހޭންގްއޯވާ" އާއި 2015 އާއި "ހީރޯ" ގެ "މެ ހޫ ހީރޯ ތެރާ" އަކީ ސަލްމާން ކިޔާފައިވާ ލަވަތަކެވެ.

ޕާކިސްތާނުގެ ލަވަކިޔުންތެރިއަކަށް ދިން ލަވައެއް "ނޯޓްބުކް" ގައި ނުހިމަނަން ނިންމި އިރު، 2016 ގައި ރިލީޒް ކުރި ސަލްމާންގެ ފިލްމު "ސުލްތާން" އަށް އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ރިކޯޑް ކުރި "ޖަޖް ޖޫމިޔާ" ފިލްމުގެ ނުހިމަނައި، އެ ލަވަ ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަތެހު އަލީ ހާން ލައްވައި ރިކޯޑް ކުރުވާފައިވެ އެވެ.

ކަޝްމީރުގައި މަންޒަރުތައް ނަގާފައިވާ "ނޯޓްބުކް" މި މަހުގެ 29 ގައި ރިލީޒް ކުރާ އިރު، މި ފިލްމުގައި ވަނީ ރިތިކް ރޯޝަނާއި ޕްރިތީ ޒިންތާގެ 2000 ވަނަ އަހަރުގެ ފިލްމު "މިޝަން ކަޝްމީރު" ގެ މަގުބޫލު ލަވަ "ބުމްރޯ" ލަވައިގެ އައު ވާޝަނެއް ވެސް ހިމަނައިފަ އެވެ.

"ނޯޓްބުކް" ގެ ލަވަތަކުގެ ތެރެއިން ދެ ލަވައެއް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. އެއީ "ނެއި ލަގްދާ" އާއި "ލައިލާ" އެވެ.