ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތުގެ ލަވަ ސަލްމާންގެ "ދަބަންގް 3" އިން ބޭރުކޮށްލައިފި

އަންނަ މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ، ސަލްމާން ޚާންގެ ފިލްމު "ދަބަންގް 3" އަށް ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފަތޭހް އަލީ ޚާން ރިކޯޑް ކުރި ލަވަ "ނައިނާ ލަޅޭ" ނުހިމަނަން ނިންމައި، އެ ލަވަ އެހެން ލަވަކިޔުންތެރިޔާއަކާ އެކު ރިކޯޑްކޮށް، ލަވައިގެ އޯޑިއޯ އާންމުކޮށްފި އެވެ.


"ދަބަންގް" ކުރީގެ ދެ ފިލްމުގެ ވެސް މިއުޒިކް ހެދި ސާޖިދު-ޖާވިދު މިއުޒިކް ހަދާފާވައިވާ "ދަބަންގް 3" ގެ "ނައިނާ ލަޅޭ" އަލުން ރެކޯޑްކޮށްފައި ވަނީ ޖާވިދު އަލީގެ އަޑުންނެވެ.

ރާހަތު ރިކޯޑްކުރި ލަވަ ނުހިމަނަން ނިންމީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާ އިން ފުރުސަތު ދިނުން ވެސް ހުއްޓާލައި، އެ ގައުމުގެ ފަންނާނުން ބޮއިޓްކޮށްފައިވާތީ އެވެ.

އަދި މިކަމާ ގުޅިގެން މިދިޔަ އަހަރު ރިލީޒްކުރި ސަލްމާންގެ "ރޭސް 3" އަށް ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ރެކޯޑްކުރި ލަވައެއް ވެސް ފިލްމުގައި ނުހިމަނަން ނިންމާފައިވެ އެވެ.

ރާހަތު ވަނީ ކުރިން "ދަބަންގް" ފިލްމުތަކަށް މަގުބޫލު ދެ ލަވައެއް ކިޔައިފަ އެވެ. އެއީ "ތޯރެ ނައިނާ ބަޅޭ ދަގާބާޒް ރޭ" އާއި "ތެރެ މަސްތު މަސްތު ދޯ ނޭން" އެވެ.

ރާހަތު ރިކޯޑްކުރި ލަވައެއް ފިލްމުގައި ނުހިމަނަން ނިންމި އިރު، ސަލްމާން މީގެ ކުރިން ވަނީ އިންޑިއާގެ ލަވަކިޔުންތެރިއަކު ރެކޯޑްކުރި ލަވައެއްގެ ބަދަލުގައި ރާހަތުގެ ލަވައެއް ފިލްމެއްގައި ހިމަނައިފަ އެވެ. އެއީ 2015 ގެ "ސުލްތާން" ގަ އެވެ.

އެ ފިލްމަށް އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ރިކޯޑްކުރި "ޖަގް ޖޫމިއާ" ގެ ބަދަލުގައި ފިލްމުގައި ހިމެނީ ރާހަތުގެ ލަވަ އެވެ. "ސުލްތާން" ގައި ރާހަތު ކިޔާފައިވާ ތިން ވަނަ ލަވަ ހިމެނެ އެވެ. އެއީ "ޖަގް ޖޫމިއާ" ގެ އިތުރުން "440 ވޯލްޓް" އާއި "ރޯލާ ޕާޔޭ ގަޔާ" އެވެ.

ރާހަތަކީ ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ކިޔައިދީފައިވާ ފަންނާނެކެވެ.