ބޮލީވުޑްގެ ތަރި ކާތިކް އާރްޔަން، ޑައިރެކްޓަރު ކަބީރު ޚާންގެ އާ ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް ކަކުލަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން ސާޖަރީއެއް ކުރަން ޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކާތިކަށް މި އަނިޔާ ލިބުނީ ފިލްމުގެ ޝޫޓިންގެ އެންމެ ފަހު މަރުހަލާގެ ތެރެއިން ވަރުގަދަ އެކްޝަން މަންޒަރެއް ރެކޯޑް ކުރަމުން ދަނިކޮށެވެ. މައިގަނޑު އެކްޝަން މަންޒަރުތަކެއް ނެގުމަށް އޭނާ އައީ ހާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަ ކުރަމުންނެވެ.

އެ ހާދިސާއާ ގުޅިގެން އިންޑިއާގެ މުމްބާއީގެ ފޯޓިސް ރާހޭޖާ ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުން ކަމަށް ރިޕޯޓްތައް ބުންޏެވެ. 

އެ ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭ  މީހަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އޭނާގެ ކަކުލުގެ ސާޖަރީއެއް ކުރާނެ އެވެ.

ސާޖަރީއަށް ފަހު ކުޑަ ދުވަސްކޮޅަކު އަރާމުކުރުމަށް ފަހު އޭނާއަށް އެނބުރި މަސައްކަތަށް ނުކުމެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. 

ކަބީރު ޚާންގެ ފިލްމަށް ފަހު ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމެކެވެ.

މީގެ ކުރިން "ޝެހެޒާދާ" ފިލްމުގެ ޝޫޓިން ތެރޭގައި ވެސް ކާތިކްގެ ކަކުލަށް އަނިޔާވެގެން އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފަ އެވެ.

ކާތިކްގެ ސާރިޖާއާ ގުޅޭ ގޮތުން އޭނާ އަދި އޭނާގެ ޓީމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އިންޑިއާގެ ތަރިންނަށް ފިލްމު ސެޓުތަކުގައި އަނިޔާވާ ވަރު މިހާރަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭގެ ތެރޭގައި ރަޝްމިކާ މަންދަންނާގެ އިތުރުން ޖޫނިއާ އެންޓީއާރު އާއި ރާމް ޗަރަން އަދި ޗިރަންޖީވީ ކަހަލަ ތަރިން ހިމެނެ އެވެ.