ބޮލީވުޑްގެ އުއެކްޓްރެސް ތާރާ ސުތާރިއާ، އޭނާއަށް ހިސާބު ނަންބަރުތައް ދެނެގަތުމަށް އުނދަގޫވާ "ޑިސްކެލްކިއުލިއާ" ކިޔާ އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ހުންނަ ކަމަށް ބުނެފި އެވެ. 

ތާރާ އެކަން ހާމަކުރީ އަންހެނުންގެ މާލީ ހޭލުންތެރިކަމާއި ފައިސާ ބެލެހެއްޓުމާ ގުޅޭގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ތާރާ ބުނީ އޭނާއަކީ މާލީ ކަންކަން ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ މީހެއް ނަމަވެސް، ނަންބަރުތަކާ ގުޅުންހުރި ކަންކަމުގައި އޭނާއަށް ގިނަ ފަހަރަށް ކުށްޖެހޭ ކަމަށެވެ. މިއީ ހިސާބު ހެދުމަށާއި ނަންބަރުތައް ދެނެގަތުމަށް ދިމާވާ ހާއްސަ ހުރަހެއް ކަމަށްވާ "ޑިސްކެލްކިއުލިއާ"ގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ތާރާ ވަނީ އޭނާގެ ބޭންކިން އަދި މާލީ މަސައްކަތްތައް ބެލެހެއްޓުމުގައި އޭނާގެ ބައްޕަ އާއި އެކައުންޓިން ޓީމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ބުނެފަ އެވެ.

"ޑިސްކެލްކިއުލިއާ"އަކީ ބައެއް ފަހަރު "މެތުސް ޑިސްލެކްސިއާ"ގެ ގޮތުގައި ވެސް ނަންދެވިފައިވާ، ނަމަވެސް އާންމުކޮށް ހިސާބު އަކުރުތަކާއި އަދަދުތަކުގެ އޮގަނައިޒޭޝަނަށް އަސަރުކުރުވާ ސިއްހީ ހާލަތަކެވެ.

ތާރާ ބުނި ގޮތުގައި، އޭނާގެ މި މައްސަލަ ހުރި ނަމަވެސް، އަމިއްލަ މާލީ ކަންކަން ދެނެގަތުމަށާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުގައި އިންވެސްޓްކުރުމަށް އޭނާ އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

ތާރާ މި ވާހަކަ ހިއްސާކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ. ހާއްސަކޮށް، އުނގެނުމުގެ މިފަދަ ނުކުޅެދުންތެރި ކަންކަމާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބޮލީވުޑްގެ ތަރިއަކު އިސްނަގައިގެން ވާހަކަދެއްކުމަކީ މިފަދަ ކަންކަން ތަހައްމަލުކުރާ ގިނަ ކުދިންނަށާއި މީހުންނަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި އެވެ.