އާންމުންގެ ސިއްހަތަށް ގެއްލުންހުރި އުފެއްދުންތައް އިޝްތިހާރު ކުރުމުން ދުރުހެލިވުމަށް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އެ ގައުމުގެ ފިލްމީ ތަރިންނަށް އިލްތިމާސްކުރައްވައިފި އެވެ.
ގުޖުރާތުގެ އެކްތާ ނަގަރުގައި ބޭއްވި އިންޑިއާގެ 72 ވަނަ ނެޝަނަލް ފިލްމް އެވޯޑްސް ހަފުލާގައި މުރުމޫ ވިދާޅުވީ ފިލްމީ ތަރިންނަކީ ގައުމުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ނަމޫނާއަކަށް ބަލާ ބަޔަކަށް ވާތީ، އެމީހުންގެ ނުފޫޒު މުޖުތަމައުއަށް ވަރަށް ބޮޑަށް ފޯރާ ކަމަށެވެ.
މުރުމޫ ވިދާޅުވީ "ހަގީގީ ތަރިއަކީ އަނދިރިކަން ފެތުރުމުގެ ބަދަލުގައި އަލިކަން ފަތުރައިދޭ މީހާ" ކަމަށެވެ. އަދި ކާމިޔާބު ފިލްމީ ތަރިން ސިއްހަތަށް ފައިދާހުރި، ރަނގަޅު ދިރިއުޅުމެއް އުޅުމަށް ބާރުއަޅައިފި ނަމަ، އެތައް މިލިއަން ޒުވާނުންނެއް އެކަން ކޮޕީކޮށް އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް މުރުމޫ ވިދާޅުވި އެވެ.
އެހެންވެ، މީހުންގެ ސިއްހަތަށް ނުރައްކާވާ ކަހަލަ އެއްވެސް އެއްޗެއް އިޝްތިހާރު ނުކުރުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
މި އިލްތިމާސް ކުރައްވާފައި ވަނީ އިންޑިއާގެ މަޝްހޫރު ބައެއް އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން އާއި އަޖޭ ދޭވްގަން އަދި ޓައިގާ ޝްރޮފް ކަހަލަ ތަރިން "ޕާން މަސާލާ" ބްރޭންޑްތަކުގެ އިޝްތިހާރުތަކުގައި ބައިވެރިވާތީ އާންމުންގެ ބޮޑު ފާޑުކިއުމެއް އަމާޒުވެ، މަހާރާޝްތުރާގެ އެފްޑީއޭ އިން އެ ތަރިންނަށް ނޯޓިސް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން، ފިލްމީ ދާއިރާގެ އެވޯޑްތައް ނިންމާ ޖޫރީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ އާޓިސްޓުންނާއި އެހީތެރިންގެ އިޖުތިމާއީ ރައްކާތެރިކަމާއި އިހުތިރާމް ކަށަވަރުކޮށްދިނުމަށް ވެސް މުރުމޫ ވަނީ އިންޑިއާގެ ފިލްމީ ދާއިރާގެ އިސްވެރިންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.