އިންޑިއާ އާއި އިޒްރޭލުގެ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެ މި އަހަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވި ފަލަސްތީނުގެ ފިލްމެއް އިންޑިއާގައި މަނާކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިޒުރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ޝަހީދުވި އުމުރުން ހަ އަހަރުގެ ހިންދު ރަޖަބުގެ ވާހަކަ ކިޔައިދޭ "ދަ ވޮއިސް އޮފް ހިންދު ރަޖަބު" އިންޑިއާގައި ދެއްކުން އެ ގައުމުގެ ފިލްމު ސެންސަރު ބޯޑުން ވަނީ މަނާކޮށްފަ އެވެ.
އެއީ މި އަހަރުގެ އޮސްކާ އެވޯޑްގެ "ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު" ކެޓަގަރީން ނޮމިނޭޓްވި އަދި ބައިނަލްއަގުވާމީ ގިނަ ފެސްޓިވަލްތަކެއްގައި ކާމިޔާބީތައް ހޯދާފައިވާ ފިލްމެކެވެ. ނަމަވެސް، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން ވަނީ އެ ފިލްމަށް ސެޓިފިކެޓް ދޫކުރަން ދެކޮޅު ހަދައިފަ އެވެ.
އެ ފިލްމު އިންޑިއާ އަށް އެތެރެކުރި ޑިސްޓްރިބިއުޓަރު މަނޯޖް ނަންދުވާނާ ބުނީ މި ފިލްމު ދައްކައިފި ނަމަ އިންޑިއާ އާއި އިޒްރޭލާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ސެންސަރު ބޯޑުގެ އޮފިޝަލުން އޭނާ ގާތު ބުނެފައިވާ ކަމަށެވެ.
މަނޯޖް ބުނި ގޮތުގައި، މިއީ ވަރަށް ދެރަ ކަމެކެވެ. ސަބަބަކީ މި ފިލްމަކީ އިޒްރޭލާ ގާތް ގުޅުމެއް ބާއްވާ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް ކަހަލަ ގައުމުތަކުގައި ވެސް ދައްކާފައިވާ ފިލްމަކަށް ވާތީ އެވެ.
"ދަ ވޮއިސް އޮފް ހިންދު ރަޖަބު"އަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޣައްޒާގައި އިޒްރޭލު ސިފައިންގެ ހަމަލާތަކެއްގެ ތެރޭގައި ކާރެއްގެ ތެރޭގައި ތާށިވި ހިންދު ރަޖަބުގެ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ހިންދު ސަލާމަތް ކުރުމަށް ދިޔަ އެމްބިއުލާންސްގެ ދެ ޕެރަމެޑިކުންނާއި ހިންދުގެ އާއިލާގެ މެންބަރުން ވެސް އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފަ އެވެ.
އެ ލާއިންސާނީ އަމަލަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަރަށް ބޮޑަް ކަންބޮޑުވުން ފާޅުކުރި ހާދިސާއެކެވެ.