އިންޑިއާގެ ފިލްމުތައް ސެޓިފައިކުރާ ކުރާ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން ފިލްމުތަކަށް ސެޓްފިކެޓު ދިނުމުގައި އަމަލުކުރާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، "ގައުމިއްޔަތާ ހިލާފު" ނުވަތަ އެންޓި-ނޭޝަނަލް މަންޒަރުތަކާއި ވާހަކަތައް ފިލްމުތަކުގައި ދެއްކުން މަނާކޮށްފި އެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން އާންމުކުރި އެ އާ އުސޫލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ.
އަލަށް ގެނައި ބަދަލުތަކުގެ ދަށުން، ގައުމީ މަސްލަހަތާ ހިލާފު ޚިޔާލުތަކުގެ އިތުރުން ސައިންސާ ހިލާފު އަދި ކަންކަމުގައި ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ފިލްމުތަކުގައި ދެއްކުން ވަނީ މަނާކޮށްފަ އެވެ.
އެހެން ގައުމުތަކާ އެކު އިންޑިއާ އިން އޮންނަ އެކުވެރި ގުޅުންތަކަށް ބުރޫއަރާ ފަދަ މަންޒަރުތައް ފިލްމުތަކުގައި ނުހިމެނުމަށާއި އަނިޔާވެރިކަން މާބޮޑަށް ނުދެއްކުމާއި މަސްތުވާތަކެތި ބޭނުންކުރާ މަންޒަރުތައް ދައްކާއިރު މަސްތުވާތަކެއްޗާ ދެކޮޅު ހާއްސަ އިންޒާރެއް (ވޯނިން) ސްކްރީންގެ މައްޗަށް އެރުވުން ވަނީ މަޖުބޫރުކޮށްފަ އެވެ.
އެ އުސޫލުތަކަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ބައެއް މީހުން ބުނެފައި ވަނީ ސީބީއެފްސީއަކީ ފިލްމުތައް ސެޓިފައިކުރާ ބޯޑެއްގެ ގޮތުގައި ނަންދީފައި އޮތް ނަމަވެސް، ކުރަމުންދަނީ ފިލްމުތައް ސެންސަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ބޯޑުގެ ނަން "ސެންޓްރަލް ބޯޑް އޮފް ފިލްމު ސެންސާޝިޕް" އަށް ބަދަލުކުރުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން، މިފަދަ ގަވާއިދުތަކުގެ ސަބަބުން ފިލްމު އުފައްދާ ފަރާތްތަކުގެ މިނިވަންކަން ގެއްލި، ވަކި ފިކުރެއްގެ ފިލްމުތަކަށް އެކަނި ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސީބީއެފްސީން މި އާ އުސޫލުތައް އިއުލާންކޮށްފައި ވަނީ އެ ބޯޑަށް 18 އާ މެންބަރުން އައްޔަންކޮށް ބޯޑު އަލުން އެކުލަވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.