ފިލްމީ މަސައްކަތެއްގެ ތެރެއިން އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބްރޭކެއް ނެގުމަށް ފަހު އިންޑިއާގެ އެކްޓްރެސް ރަޝްމިކާ މަންދަންނާ އަލުން ފިލްމީ މަސައްކަތްތައް ފަށަން ނިންމައިފި އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ރަޝްމިކާ ވަނީ އެ އަނިޔާއިން ރަނގަޅުވަމުންދިޔަ ދުވަސްވަރު ގޭގައި އާއިލާ އަދި ލޯބިވާ މީހުންނާ އެކު ވަގުތު ހޭދަކުރި ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ގޭގައި ކުއްތާއާ އެކު ވަގުތު ހޭދަކުރުމާއި ޕަޒަލް ސޯލްވް ކުރުން ކަހަލަ ކަންކަން ވެސް ހިމެނެ އެވެ. އެއާ އެކު އޭނާ ބުނެފައި ވަނީ އަލުން މަސައްކަތަށް ނުކުންނަން ތައްޔާރުވެފައިވީ ނަމަވެސް، ގޭގައި ހޭދަކުރި އެ އުފާވެރި ވަގުތުތައް ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށެވެ.

މި މަހު ކުރީކޮޅު ރަޝްމިކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އޭނާއަށް އަނިޔާވީ އޭނާގެ ކުރިއަށް އޮތް ފިލްމު "މީސާ"ގެ ނެށުމުގެ މަންޒަރެއް ޝޫޓްކުރަމުން ދަނިކޮށެވެ. އުނަގަނޑާއި ނާރަކަށް ދިމާވި މައްސަލައެއްގައި އޭނާގެ ފައި މައްޗަށް ނެގުމަށް ދަތިތަކެއް ކުރިމަތިވި އެވެ.

މިއީ ޖެހިޖެހިގެން އޭނާއަށް ލިބުނު ތިންވަނަ އަނިޔާ ކަމަށާއި އެއީ މަސައްކަތުން ބްރޭކެއް ނެގުމަށް ކަނޑައެޅުނު "މަޖުބޫރު ޗުއްޓީއެއް" ކަމަށް ރަޝްމިކާ ބުނެފައިވެ އެވެ.

އެކްޝަން ތުރިލާ ފިލްމު "މީސާ"އަކީ ރަޝްމިކާ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ތަފާތު ފިލްމަށް ވާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ. 

ރަޝްމިކާ އަންނަނީ އޭނާގެ ފިރިމީހާ ވިޖޭ ދެވަރަކޮންޑާއާ އެކު "ރަނަބާލީ" ކިޔާ ފިލްމެއްގައި ވެސް މަސައްކަތްކުރަމުންނެވެ. އިނގިރޭސިން އިންޑިއާ އިސްތިއުމާރުކޮށްގެން އުޅުނު ދުވަސްވަރު ހިނގި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމު ރިލީޒްކުރަނީ އަންނަ މަހު 11 ގަ އެވެ.