އިންޑިއާ އިން މިހާރު ކުރީގެ ހަމަޖެހުން ނުލިބޭ ކަމަށް އޭނާ ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އަމާޒުވި ފާޑުކިޔުންތަކަށް ފަހު، ބޮލީވުޑްގެ ތަރި ސަންޖޭ ދަތު އެކަމުގެ ހަގީގަތް ހާމަކޮށް އިސްލާހީ ބަޔާނެއް ނެރެފި އެވެ.

މި މައްސަލަ ހޫނުވީ ޝޭކަރު ސުމަން ހުށަހަޅައިދޭ "ޝޭކަރު ޓުނައިޓް" ޓީވީ ޝޯގައި ސަންޖޭ ދެއްކި ބައެއް ވާހަކަތަކެއްގެ ކުރު ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯގައި ސަންޖޭ ބުނެފައި ވަނީ އިންޑިއާގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ އަދި މެހެމާންދާރީ ރަނގަޅު ބައެއް ކަމަށެވެ. ނަމަވެސް، "މިހާރު ގައުމުން ކުރިން ލިބުނު ފަދަ ހަމަޖެހުމެއް ނުލިބޭ" ކަމަށާއި، އެފަދަ އަމާން ދުވަސްތަކެއް އެނބުރި އައުމަށް އެދި ދުއާކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން، އޭނާގެ މަގުބޫލު "މުއްނާ ބާއީ" ކެރެކްޓާގެ ސިފަ މާނަކޮށް، އޭނާ އިންޑިއާގެ ބޮޑުވަޒީރަށް ވެއްޖެ ނަމަ ރައްޔިތުންނާ ގުޅުން ބޭއްވުމަށް ގައުމުން ބޭރަށް ނުގޮސް ގައުމުގައި ހުންނާނެ ކަމަށް ބުނެ ސަމާސާ ރާގަކަށް ދެއްކި ވާހަކަތަކަކީ ވެސް ސިޔާސީ ގޮތުން ޖެހި ޖޯކެއްގެ ގޮތުގައި ގިނަ ބަޔަކު މާނަކުރި އެވެ.

އެ ވީޑިއޯ އާންމުވުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސަންޖޭއަށް ފާޑުކިޔައިފަ އެވެ. ހާއްސަކޮށް، އޭނާގެ އާއިލާ ދުބާއީގައި ދިރިއުޅެމުން އަންނައިރު އަދި އޭނާއަށް ޔޫއޭއީގެ ގޯލްޑަން ވިސާ ލިބިފައިވާއިރު، އިންޑިއާގެ އަމާންކަމާ މެދު ސުވާލު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ސަންޖޭ އެކްސް މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުނީ އޭނާގެ ބަސްތަކުގެ ސަބަބުން އެއްވެސް މީހަކަށް، ޖަމާއަތަކަށް ނުވަތަ މުއައްސަސާއަކަށް ދެރައެއް ނުވަތަ ހިތްހަމަނުޖެހުމެއް ދިނުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށެވެ. އަދި އެ ވާހަކަތަކަކީ ކުރިއާލައި ލިޔެވިފައިވާ (ސްކްރިޕްޓެޑް) މަޖާ އަދި ސަމާސާ ކޮމެޑީ ކަންތައްތަކެއްގެ ތެރެއިން ދެކެވުނު ވާހަކަތަކެއް ކަމަށާއި، އެއީ އޭނާގެ "މުއްނާ ބާއީ" ފިލްމުތަކުގައި ބޭނުންކުރާ "ގާާންދީގިރީ" ނުވަތަ ލޯތްބާއި އެކުވެރިކަން އާންމުކުރުމުގެ ރޫހުގައި ދެއްކި ވާހަކަތަކެއް ކަމަށް ބުންޏެވެ.

އޭނާ ދެއްކި ވާހަކައިގެ އަސްލު މާނަ އޮޅޭ ގޮތަށް މީހުން އެ ވީޑިއޯ ދައުރުކުރާތީ ހިތާމަކުރާ ކަމަށް ވެސް ސަންޖޭ ބުންޏެވެ.