ރަންވީރު ސިންގް ލީޑު ރޯލު ކުޅުނު އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު "ދުރަންދަރު: ދަ ރިވެންޖް"ގެ މިއުޒިކް އަލްބަމް، ދުނިޔޭގެ އެންމެ ޝަރަފުވެރި މިއުޒިކް އެވޯޑު ކަމަށްވާ ގްރޭމީ އެވޯޑްސްގެ 9 ކެޓަގަރީއަކަށް ހުށަހަޅައިފި އެވެ. 

ފިލްމުގެ މިއުޒިކް ލޭބަލް ޓީ-ސީރީޒް އާއި ބީ62 ސްޓޫޑިއޯސް އިން އެކަން ރަސްމީކޮށް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. 

މިއުޒިކް ކޮމްޕޯޒަރު ޝާޝްވަތު ސަޗްދޭވް ތައްޔާރުކޮށްފައިވާ މި ފިލްމުގެ މުޅި އަލްބަމް ވަނީ "ބެސްޓް ކޮމްޕިލޭޝަން ސައުންޑްޓްރެކް ފޯ ވިޜުއަލް މީޑިއާ" ކެޓަގަރީއަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ފިލްމުގެ ވަކިވަކި ލަވަތައް ވަނީ ތަފާތު ކެޓަގަރީތަކަށް ހުށަހަޅައިފަ އެވެ. އެގޮތުން އަރްޖިތު ސިންގް ކިޔައިދީފައިވާ "ފިރު ސޭ" ލަވަ "ބެސްޓް ސޯންގް ރިޓަން ފޯ ވިޜުއަލް މީޑިއާ" އަށް، "އާރީ އާރީ" ލަވަ "ބެސްޓް އޭޝިއަން ޕޮޕް މިއުޒިކް ޕާފޯމަންސް" އަށް، އަދި "ޖާން ސޭ ގުޒަރުތޭ ހޭ" އާއި "ކަންހައްޔާ" ލަވަ "ބެސްޓް ގްލޯބަލް މިއުޒިކް ޕާފޯމަންސް" ކެޓަގަރީއަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން "ޖާއި ގްރަމް ސަޖަނާ" (ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕާފޯމަންސް)، "ޑެސްޓިނީ - މަން އަޓްކެޔާ" (ބެސްޓް ރެޕް ޕާފޯމަންސް)، "ވާރީ ޖާވާން" (ބެސްޓް ޑާންސް/އިލެކްޓްރޯނިކް ރިކޯޑިން) އަދި "ހަމް ޕިޔާރު ކަރްނޭ ވާލޭ" (ބެސްޓް ރީމިކްސްޑް ރިކޯޑިން) ވެސް ވަނީ ގްރޭމީއަށް ހުށަހަޅައިފަ އެވެ.

މިގޮތަށް ގްރޭމީ އެވޯޑަށް ހުށަހެޅުމަކީ އޮޓޯއިން ނޮމިނޭޝަނެއް ލިބުން ނޫން ކަމުގައިވީ ނަމަވެސް، މިއީ އިންޑިއާގެ ހިންދީ ފިލްމެއްގެ މިއުޒިކް ބައިނަލްއަގުވާމީ ފެންވަރުގައި އިސްތިހާރުކޮށް، ގްރޭމީ އެކެޑަމީގެ މެމްބަރުންގެ ސަމާލުކަން ހޯދުމަށް ކުރިއަށް ގެންދާ ވަރަށް ބޮޑު ކެމްޕޭނެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިދިޔަ މާޗު މަހު ރިލީޒްކޮށް، ދުނިޔޭގެ ބޮކްސް އޮފީހުގައި ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.