ޒުވާންކަން ދައްކަން ސާޖަރީތައް ހެދުމާއި އިންޖެކްޝަންތައް ޖެހުމަކީ ފިލްމީ ދާއިރާގައި އާންމު ކަމަކަށް ވެފައި ވިޔަސް، އޭނާއަކީ ބޮޓޮކްސް ކަހަލަ ކަންކަމާ ވަރަށް ބޮޑަށް ދެކޮޅު މީހެއް ކަމަށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ބުނެފި އެވެ. 

އިންޑިއާގެ ނޫސްވެރިޔާ ބަރްކާ ދަތުގެ "މޯޖޯ ސްޓޯރީ" އަށް ދިން އިންޓަވިއުއެއްގައި ކޮސްމެޓިކް ސާޖަރީތަކާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ކަރީނާ ބުނީ، ބޮޓޮކްސްއާ މެދު އޭނާ ދެކޭގޮތް ވަރަށް ސާފު ކަމަށާއި އޭނާއަކީ އަބަދުވެސް އެކަމާ ދެކޮޅު މީހެއް ކަމަށެވެ.

މީހަކަށް އަބަދު 18 ނުވަތަ 20 އަހަރުގެ ކުއްޖެއްހެން ނުހުރެވޭނެ ކަމަށާއި ބައެއް އަންހެނުން އުމުރުން ދުވަސްވާކަން ނުދައްކަން ބޭނުންނުވެގެން އުޅޭ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް ކަރީނާ ބުންޏެވެ.

އޭނާގެ އުމުރުން މިހާރު 40 ގެ އަހަރުތައް ގުނަމުންދާއިރު، ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރަމުންދަނީ މިހާރު ކަމަށާއި އެކްޓިންގެ ގޮތުން ވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މިހާރު ކަމަށް ކަރީނާ ބުންޏެވެ.

ކަރީނާ ބުނީ ކޮސްމެޓިކް ސާޖަރީތައް ކުރުމުގެ ބަދަލުގައި އޭނާ އެންމެ އިސްކަންދެނީ "ނެޗުރަލް ހުކް"ގައި ހުރެ އަމިއްލަ ނަފްސާއި ސިއްހަތުގެ ދުޅަހެޔޮކަން ދަމަހައްޓަން ކަމަށެވެ.

ކަރީނާ އިތުރަށް ބުނި ގޮތުގައި، އޭނާ ގަބޫލުކުރާ "ސެލްފް ޕްރިޒަވޭޝަން" ނުވަތަ އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ މާނައަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. މީގެ އިތުރުން، ފިލްމު ސެޓުތަކުން ބޭރުގައި އާއިލާ އާއި އެކުވެރިންނާ އެކު ޗުއްޓީ ހޭދަކުރުމާއި ތަފާތު ކަންކަމުގައި ބައިވެރިވެ އެކްޓިވް ލައިފްސްޓައިލެއްގައި އުޅުމެވެ. 

ކަރީނާ އެންމެ ފަހުން ކުޅުނު ފިލްމަކީ މޭގްނާ ގުލްޒާރު ޑައިރެކްޓްކުރި ކްރައިމް ތުރިލާ ފިލްމު "ދާއިރާ" އެވެ. މަލަޔާޅަމް ސުޕަސްޓާރު ޕްރިތުވިރާޖް ސުކުމާރަންއާ އެކު އޭނާ ކުޅުނު އެ ފިލްމުގެ އިތުރުން، ފިރިމީހާ ސައިފް އަލީ ޚާންއާ އެކު "ކޮފީ ވިތު ކަރަން" ގެ ސީޒަން 9 އިން ވެސް ކަރީނާ ވަނީ މިދިޔަ މަހު ފެނިފަ އެވެ.