ބޮލީވުޑްގެ އެކްޓްރެސް ޝަބާނާ އަޒްމީ، ބުރުގާ އާއި ހިޖާބު އެޅުމާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ހާމަކޮށް، އޭނާ ބުރުގާ ނޭޅި ނަމަވެސް އެކަން މަނާކުރުމަށް އެއްވެސް މީހަކު މަޖުބޫރުކޮށްފި ނަމަ އެއްފަހަރާ ތިން ބުރުގާ އަޅާނެ ކަމަށް ބުނެފި އެވެ.

އުޝާ ކަކާޑޭގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އުމުރުން 76 އަހަރުގެ ޝަބާނާ ބުނީ އަންހެނުންނަށް އެމީހުން ބޭނުންވާ ހެދުމެއް އެޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.

ޝަބާނާ ބުނި ގޮތުގައި، އޭނާއަކީ ބުރުގާ އަޅާ މީހަކަށް ނުވި ނަމަވެސް، ބުރުގާ އެޅުމުގެ ހައްގު އޭނާއަށް ނެތް ކަމަށް ބުނެ އެއްވެސް މީހަކު އެކަން މަނާކުރަން އުޅެފި ނަމަ، އެކަމާ ދެކޮޅަށް ތިން ބުރުގާ އަޅާނެ ކަމަށެވެ. އަދި ސެކިއުލަރިޒަމްގެ ނިވަލުގައި ތިބެ ހަރުކަށި ފިކުރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ އިންޓަވިއުގައި ދީނީ ކަންކަމާ މެދު ވާހަކަދައްކަމުން ޝަބާނާ ބުނީ، ބުރުގާ އެޅުން މަޖުބޫރު ކަމަށް އޭނާ ގަބޫލު ނުކުރި ނަމަވެސް، ކީރިތި ގުރުއާނުގައި އަންގަވާފައި ވަނީ އަންހެނުންނާއި ފިރިހެނުން ވެސް ބެލުންތައް ތިރިކޮށް އިއްފަތްތެރިކަން އިސްކުރުމަށް ކަމަށެވެ.

ނަމަވެސް، ދީނުގެ ނަމުގައި ވާހަކަދައްކާ ބައެއް "މެދުވެރިން" އެ ކަންކަން އޮޅުވާލައި، މުޖުތަމައުގައި އޮޅުންބޮޅުތައް އުފައްދަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި ދީނަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ކަމެއް ކަމަށާއި ސަރުކާރުން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޝަބާނާއަކީ މީގެ ކުރިން ވެސް 2022 ވަނަ އަހަރު އިންޑިއާގެ ކަރްނާޓަކާގެ ކޮލެޖެއްގައި މުސްލިމު ދަރިވަރުން ހިޖާބު އެޅުން މަނާކުރި މައްސަލައިގައި ވެސް ދަރިވަރުންގެ ހައްގުގައި ވަކާލާތުކުރި ފަންނާނެކެވެ. އޭރު އޭނާ ހިޖާބު ނާޅާ ހުރެ އެކަމަށް ތާއީދުކުރުމުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އޭނާ އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ އަންހެނުންގެ އަމިއްލަ އިހުތިޔާރާއި މިނިވަން ކަމަށެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ޝަބާނާ އަޒްމީ އެންމެ ފަހުން ފެނުނީ މި އަހަރު ރިލީޒްކުރި "ބަޓްވާރާ 1947" އާއި "އާވާރާޕަން 2" އިންނެވެ.