ދަރިންގެ ފޮޓޯ އާންމު ކުރުމުން ޖޯޖް ކްލޫނީ ރުޅިގަދަވެއްޖެ

ހުއްދަ ނެތި ދަރިންގެ ފޮޓޯތައް ޝާއިއުކޮށްފައިވާ "ވޮއިސީ" އާ ދެކޮޅަށް ދައުވާ ވެސް ކުރާނެ ކަމަށް ކްލޫނީ ބުނޭ.

ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީ އާއި ވަކީލާ އަމާލް ކްލޫނީގެ ދޮޅު މަސްވީ އެއްމާބަނޑު ދެބެއިންނާ އެކު އެ މީހުން ނަގާފައިވާ ފޮޓޯތަކެއް ފްރާންސްގެ މެގަޒިން "ވޮއިސީ" ގައި ޝާއިއު ކުރުމުން ކްލޫނީ ރުޅިގަދަވެއްޖެ އެވެ.


އެ ދެމަފިރިންގެ އިޓަލީގެ ގޭގައި ދެ މީހުންގެ އަތްދަނޑި މައްޗަށް ކުދިން ނަގައިގެން ތިއްބައި ނަގާފައި ފޮޓޯތަކެއް ވަނީ މެގަޒިންގެ ކަވަރުގައި ވެސް ޖަހައިފަ އެވެ.

"ވޮއިސީ" ގެ ކަވަރު ދައްކައިލުމަށް ފަހު، އެ މެގަޒިނުން ބުނީ މިއީ އެކްސްކްލޫސިވް ފޮޓޯތަކެއް ކަމަށާއި މެގަޒިން އަށް އިންތިޒާރުކޮށްލަން އެދޭ ކަމަށެވެ. އެހެންވެ މެގަޒިންގެ އެތެރޭގައި ދެ ކުދިންގެ ގިނަ ފޮޓޯތަކެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

މި މައްސަލާގައި ރަތަށް އަރާފައި ހުރި ޖޯޖް ބުނީ "ވޮއިސީ" ގެ ފޮޓޯގްރާފަރުން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މީހުންނަށް ވަރަށް ބޮޑަށް ފާރަލާފައިވާ ކަމަށާއި އެ މީހުންގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ.

"ގޭގެ ފެންސް ކައިރީގައި ތިބުމާއި ގަސްގަހަށް އަރައިގެން އެ މީހުން ވަނީ އަހަރެމެންނަށް އުނދަގޫކޮށްފައި." އޭނާ ބުންޏެވެ.

ޖޯޖް އަދި ބުނީ މި މައްސަލާގައި "ވޮއިސީ" ގެ މައްޗަށް ދައުވާ ވެސް ކުރާނެ ކަމަށާއި އެ އާއިލާގެ ފްރައިވެސީ އެ މީހުން ގެއްލުވާލާފައިވާ ކަމަށެވެ. އަދި މިކަމަކީ ދަރިންގެ ރައްކާތެރި ކަމަށްޓަކައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އެ މެގަޒިންގެ ތަރުޖަމާން އީ ނިއުސް އަށް ބުނީ ކްލޫނީ އާއި އަމާލްއަކީ އާންމުންގެ ތެރެއަށް ވަރަށް އާންމުކޮށް ނިކުމެ އުޅޭ ދެ ސެލެބްރިޓީން ކަމަށާއި ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަން އެ މީހުންގެ ފަރާތުން ވަރަށް ބޮޑަށް ފެނިފައިވާ ކަމަށެވެ.

"ވޮއިސީ" ގެ ކަވަރުގައި ޖޯޖް އާއި އަމާލް ދެ ކުދިންނާ އެކު.

އަދި އެ ދެ މީހުން 2014 ގައި ކައިވެނި ކުރި ހަފުލާއަކީ ވެސް ވަރަށް ބޮޑަށް ހުޅުވާލެވިގެން ބޭއްވި ހަފުލާއެއް ކަމަށާއި އެހެންވީމާ އެ މީހުންނާ އެކު ދަރިންގެ ފޮޓޯތައް އާންމު ކުރުމަކީ ކުށެއް ކަމަށް ނުދެކޭ ކަމަށެވެ.

"އެ ދެ ކުދިން ވިހޭ ފަހުން އެކި ގޮތްގޮތަށް އެކި މީހުން އަންނަނީ އެ ވާހަކަ ދައްކަމުން ވެސް މެ. އަހަރެމެން އެ ފޮޓޯތައް ޝާއިއު ކުރީ ކިޔުންތެރިންގެ ވެސް ވަރަށް ބޮޑު އެދުމަކާ އެކު،" ތަރުޖަމާން ބުންޏެވެ.

ޖޯޖް އާއި އަމާލް އަށް ލިބިފައި ވަނީ ދެ ޖިންސްގެ ދެ ކުދިންނެވެ. އެ ކުދިންގެ ނަމަކީ އެލެގްޒެންޑްރާ އާއި އެލާ އެވެ.