ސާކް ފިލްމް ފެސްޓިވަލަށް މި ފަހަރު ރާއްޖޭން "ވިޝްކާ" އެކަނި

ސާކްގެ ގައުމުތަކުން މި އަހަރުގެ ފިލްމް ފެސްޓިވަލްގައި 16 ފީޗާ އާއި ކުރު ހަތް ފިލްމް ވާދަ ކުރޭ.

ރާއްޖޭން ފީޗާ ފިލްމް ކެޓަގަރީން ވާދަކުރާ ހަމައެކަނި ފިލްމަކަށް މި އަހަރު ރިލީޒް ކުރި ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އާ އެކު، ސާކް ފިލްމް ފެސްޓިވަލް އަންނަ އަންގާރަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.


މި މަހުގެ 21-25 އަށް ކޮލޮމްބޯގައި ބާއްވާ ފިލްމް ފެސްޓިވަލްގައި "ވިޝްކާ" ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގަ އެވެ. މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް، ޑައިރެޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މާޗް 8 ގައި ޕްރިމިއާ ކުރި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ރަވީގެ އިތުރުން އައިޝަތު ރިޝްމީ އާއި އަހުމަދު ސައީދެވެ.

"ވިޝްކާ" ޕްރޮޑިއުސް ވެސް ކުރި ރިޝްމީ ބުނީ ފެސްޓިވަލްގައި އޭނާ ބައިވެރިވާނެ ކަމަށާއި އަދި ފިލްމް ފެސްޓިވަލްގައި ފިލްމް ދައްކަން ހަމަޖެހިފައިވާ ދުވަހު ރަވީ ވެސް ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ފެސްޓިވަލްގައި ފިލްމަށް ކޮންމެވެސް ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ،" ރިޝްމީ ބުންޏެވެ.

"ވިޝްކާ" ގެ ޑައިރެކްޓަރު/ބަތަލު ރަވީ އާއި ބަތަލާ/ޕްރޮޑިއުސަރު ރިޝްމީ.

މިދިޔަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ރަވީ، ޑައިރެކްޓްކޮށް، ރިޝްމީ މުހިއްމު ރޯލެއް ކުޅުނު ފިލްމެއް ވާދަ ކުރި އެވެ. އެއީ "މިކޮއެ ބައްޕަ ބައޭބައޭ" އެވެ. އެކަމަކު ފެސްޓިވަލް ނިންމާލައި އެނބުރި އަންނަން ޖެހުނީ ހުސްއަތާ އެވެ.

އެ ފިލްމްގެ އިތުރަށް މިދިޔަ އަހަރު އަލީ ސީޒަންގެ "އަހްޝަމް" ވެސް ފެސްޓިވަލްގައި ވާދަ ކުރި އެވެ. އަދި ކުރު ފިލްމް ކެޓަގަރީގައި ހައުސިން މިނިސްޓްރީން 2015 ގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ގެނެސް ދިން "އެއްފަސް" ވެސް ވާދަ ކުރި އެވެ.

ނަމަވެސް ރަވީއަކީ މީގެ ކުރިން ސާކް ފިލްމް ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދާފައިވާ ޑައިރެކްޓަރެކެވެ. އެއީ 2014 ގައި ބައިވެރި ކުރި "އިނގިލި" އިންނެވެ.

"ވިޝްކާ" ގެ ޓްރެއިލާއެއް.

"ވިޝްކާ" އާ އެކު މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ ފީޗާ ފިލްމް ކެޓަގަރީގައި ޖުމްލަ 16 ފިލްމް ވާދަ ކުރެ އެވެ.

އެއީ ޕިންކީ ބިއުޓީ ޕާލާ (އިންޑިއާ)، އޮނާޓާ (އިންޑިއާ)، ޕްރެމީ އޯ ޕްރެމީ (ބަންގްލަދޭޝް)، އަނިލް ބަގްޗީރް އެޑްކިން (ބަންގްލަދޭޝް)، އަގޭ އަސާ އަގާ (ސްރީ ލަންކާ)، ސަރްގާ މަތަންގް (ބޫޓާން)، ދަ ބާޑް ވޯޒް ނޮޓް އަ ބާޑް (އަގްފާނިސްތާ)، މަހޭ މީރް (ޕާކިސްތާން)، ހަމް ޗެވާއީ ޒަމްލިންގް (ބޫޓާން)، އޮގައްޓަނާމޯ (ބަންގްލަދޭޝް)، ބިން ރޯޔޭ (ޕާކިސްތާން)، ސަޔަޕެތީ ކުސުމާ (ސްރީ ލަންކާ)، ދަ ބްލަކް ހެން (ނޭޕާލް)، ވީރަމް މެކްބެތު (އިންޑިއާ)، ޑައިން ކެންޑްލް (ނޭޕާލް) އަދި ހެންސަވިކާ (ސްރީ ލަންކާ) އެވެ.

މި އަހަރުގެ ފެސްޓިވަލްގައި ޝޯޓް ފިލްމް ކެޓަގަރީގައި ވާދަ ކުރަނީ އިންޑިއާގެ "ތަންޑާވް" އާއި "އޮރަމަޔުޑޭ އަތިރުވަރަމްބުކަލް" އާއި ލަންކާގެ "ސޮންގް އޮފް އިނޮސަންޓް" އާއި "ނޭކެޑް އެމަންގް ޕަބްލިކް" ގެ އިތުރުން އަފްގާނިސްތާންގެ "ވޯޓާ" އާއި ނޭޕާލްގެ "އޯ މައި މޭން" އަދި "އިޔާ އޮދް ދަ ބާޑް" އެވެ.

މިދިޔަ އަހަރު ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ފިލްމަކަށް ހޮވުނީ އިންޑިއާގެ "މަސާން" އެވެ.