ރަންވީރު ސިންގް: މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު.
14 މާޗް 2018 - 06:41
ފިލްމީ ނޫން އާއިލާއަކުން ނުކުމެ، ރަންވީރު ސިންގް ބޮލީވުޑްގައި ފައި ވިއްދާލި ގޮތަށް ބަލާ އިރު، މިއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަނެއްކޮޅުން، ބޮލީވުޑަށް ނުކުތްތާ އެންމެ އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ސަންޖޭ ލީލާ ބަންސާލީ އާއި އަދިތިޔާ ޗޯޕްޅާ (އަދީ) ފަދަ ކުޅަދާނަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށް، އެ މީހުންގެ އިތުބާރު ވެސް ވަރަށް ބޮޑަށް ހޯދައިފަ އެވެ.
މިފަދަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ އެކްޓަރަކަށް ވަރަށް މަދުން ނޫނީ ފަހި ނުވާނެ ކަހަލަ ފުރުސަތެކެވެ. ބަންސާލީއާ އެކު ތިން ފިލްމެއްގައި ރަންވީރު މަސައްކަތްކޮށްފައިވާ، 2016 ގައި ރިލީޒް ކުރި "ބޭފިކްރޭ" އަށް ފަހު އަދީ ދެން ހަދާ ފިލްމްގެ ލީޑް ރޯލުން ވެސް ފެނިގެން ދާނީ ރަންވީރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
14th February 2019 #gullyboy #ZoyaAkhtar #TigerBaby pic.twitter.com/VbZN6D0wpE
— Excel Entertainment (@excelmovies) February 10, 2018
"ގުލީ ބޯއި" ރިލީޒް ކުރާނީ އަންނަ އަހަރު.
އަދީގެ ފިލްމް ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2010 ފިލްމް "ބޭންޑް ބާޖާ ބާރާތު" އިން ބޮލިވުޑަށް ތައާރަފުކުރި ރަންވީރު ވަނީ ބަންސާލީގެ އެންމެ ފަހުގެ ތިން ފިލްމް ޕަދްމާވާތު (2018)، ބަޖިރާއޯ މަސްތާނީ (2015) އަދި ރާމް-ލީލާ (2013) ގައި އޭނާގެ ވަރުގަދަކަން ދައްކާލައިފަ އެވެ.
ރަންވީރްގެ ވަރަށް ފާހަގަކޮށްލެވޭ ފިލްމްތަކެއް ކުރިއަށް ހުރި އިރު، 32 އަހަރުގެ އެކްޓަރު އަމިއްލަ އަށް ވެސް ބުނަނީ އޭނާއަކީ ނަސީބު ގަދަ އެކްޓަރެކޭ އެވެ. އަދި ވަރުގަދަ މޮޅެތި ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްކަން ފުރުސަތު ލިބޭތީ، އޭގެ ބޭނުން އެންމެ ފުންމިނަށް ހިފާނެ ކަމަށް ބުންޏެވެ.
ޒޯޔާ އަހްތަރުގެ "ގުލީ ބޯއި" ގައި މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ޒޯޔާއާ އެކު ރަންވީރު މަސައްކަަތް ކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2015 ގައި ރިލީޒް ކުރި "ދިލް ދަޅަކް ނޭ ދޯ" އެވެ. ރަންވީރު ރެޕާއެއްގެ ރޯލުން ފެނިގެންދާ "ގުލީ ބޯއި" އަށް ފަހު، ދެން އޮތީ ބޮލީވުޑްގައި މަސާލާ ކިންގްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެކެވެ. އެއީ މި އަހަރުގެ ޑިސެމްބަރުގެ 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ. މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ ފިލްމެކެވެ.
Ranveer Singh as #Simmba
— Dharma Productions (@DharmaMovies) December 7, 2017
Releasing 28th December, 2018. pic.twitter.com/wwFoaix3GY
"ސިމްބާ" ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރުގައި.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ބަތަލާއެއްގެ ގޮތުގައި ރަންވީރުއާ އެކު ފެނިގެން ދާނީ އެއް ލޯ މަރާލި ގޮތަކުން ދާދި ފަހުން ކުއްލި މަޝްހޫރު ކަމެއް ހޯދި މަލަޔާޅަމް ބަތަލާ ޕްރިޔާ ވާރިއާ ޕްރަކާޝް އެވެ.
"ރޯހިތުގެ ފިލްމްގެ ޝޫޓިން ފަށާނަން އެޕްރީލްގައި ގުލީ ބޯއި ނިންމާފައި. އަހަރެން މި ހުންނަނީ ރޯހިތުއާ އެކު މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް އުފަލުން،" ރަންވީރު ފުލުހެއްގެ ރޯލް ކުޅޭ ފިލްމާ ބެހޭ ގޮތުން ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެން މިހާތަނަށް ކުޅޭ ފިލްމްތަކުގެ ތެރެއިން ސިމްބާއަކީ އަހަރެންގެ އަސްލު މިޒާޖާ ވެސް އެންމެ ގުޅޭ ފިލްމަށް ވާނެހެން."
ރަންވީރުގެ ކުރިއަށް ހުރި ފްރޮޖެކްޓްތަކުގެ ތެރެއިން ދެން ވެސް އޮތީ ހަމަ ނަން މަޝްހޫރު، މޮޅު ޑައިރެކްޓަރެއްގެ ފިލްމެކެވެ. އެއީ "ބަޖިރަންގީ ބައިޖާން" އާއި "އެކް ތާ ޓައިގަ" ފަދަ ފިލްމްތައް ގެނެސް ދިން ކަބީރް ހާންގެ "83" އެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވް، އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަނަކަށް ހުރެ، 1983 ގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ގެނެސް ދިން ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ކަބީރްގެ މި ފިލްމްގައި ރަންވީރު ފެނިގެން ދާނީ ކަޕިލްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޕިކާ
15 March 2018
ރަންވީރު ނަސީބު ގަދައީ އޭ ހަމަ. ދިޕިކާ ވެސް ލިބިއްޖެ ވިއްޔަ. ރަންވީރު ކަލެޔަށް ހަމަ ސާބަސް.
14 March 2018
ރަންވީރު އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެއް. ރަންވީރާއި ސޯނަމް ކަޕޫރުއަކީ ދެބެންގެ ދެދަރީން. އަދި ރަންވީރުގެ މާމަ އަކީ ފިލްމިސްޓަރ އެއް. އެހެންވީމާ، ފިލްމީ އާއިލާއާ ގުޅުން އެބަހުރި ދެއްތޯ.
މިމީ
14 March 2018
ތިކިޔަނީ ރަންވީރު ސިންގްގެ ވާހަކަތަ ނުވަތަ ރަންބީރް ކަޕޫރުގެ ވާހަކަތަ؟؟؟
ހައްޖަ
14 March 2018
އަސްލުވެސް މީނާއަކީ ވަރަށް ނަސީބުގަދަ ގޮލައެއް.
ހަމްޒާ
14 March 2018
ކަބީރް ހާންގެ ފިލްމް އަކީ ޓައިގާ ޒިންދާ ހޭ އެއް ނޫން އިންގޭތޯ... އޭކް ތާ ޓައިގާ.
ރިނީ
14 March 2018
"ގަލީ" ބޮއި... މާނަޔަކީ "މަގުމަތީ". ގުލީ އެއް ނޫން.