ނޮވެމްބަރު 20 ގައި ނެރޭ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލް "ފަޔާ އެންޑް ބްލަޑް" ގެ ކަވަރު.
27 އެޕްރީލް 2018 - 07:21
އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތްރޯންސް" ގެ 8 ވަނަ ސީޒަނާ އެކު އަންނަ އަހަރު މި ސިލްސިލާ ނިންމާލަން ގަސްދުކޮށްފައި ވިޔަސް މިހާތަނަށް ގެނެސް ދިން ހާދިސާތަކުގެ 300 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އިތުރު ވާހަކަތަކެއް ކިޔައިދޭން މީގެ ލިޔުންތެރިޔާ ޖޯޖް އާރްއާރް މާޓިން މިހާރު ވަނީ ނިންމައިފަ އެވެ.
"ފަޔާ އެންޑް ބްލަޑް" ގެ ނަމާ އެކު، ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ ވާހަކައިގެ ފުރަތަމަ ވޮލިއުމް މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ގައި ނެރޭނެ ކަމަށް މި ފޮތް ޝާއިއު ކުރާ ބެލަންޓައިން ބެންޓަމް ޑެލް އިން ބުދަ ދުވަހު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި މާޓިން ވެސް ވަނީ ފޮތުގެ ކަވަރު ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
މާޓިން ބުނި ގޮތުގައި "ފަޔާ އެންޑް ބްލަޑް" އަކީ އާންމުކޮށް މި ގެނެސްދޭ ކަހަލަ ހިޔާލީ ކަންތައްތަކުން ފުރިގެންވާ ހިޔާލީ ވާހަކައެއް ނޫނެވެ. އޭނާ ޕްރިކްއެލް ސިފަ ކުރަނީ "ހިޔާލީ ތާރީހީ" ސޮފުހާތަކެއްގެ ގޮތުގަ އެވެ.
FIRE & BLOOD, the history of the Targaryens, will be releasing in hardcover on November 20! Read more about it in my blog post: https://t.co/Y6kdsfEds9 #FireandBlood pic.twitter.com/URFJRzGA9r
— George RR Martin (@GRRMspeaking) April 25, 2018
މާޓީންގެ ޓްވީޓެއް.
"ގޭމް އޮފް ތުރޯންސް" ގެ ނަމުގައި މަޝްހޫރުވި ސިލްސިލާއަކީ މާޓިން 1996 ގައި ނެރުނު ވާހަކަ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. ވަރަށް އަގު ބޮޑު ޓީވީ ސިލްސިލާއެއްގެ ގޮތުގައި "ގޭމް އޮފް ތްރޯންސް" މިހާތަނަށް ވަނީ ވަރަށް ގިނަ އެވޯޑްތައް ވެސް ހޯދައިފަ އެވެ.
އެޗްބީއޯގެ މި ސިލްސިލާގެ ފަހު ސީޒަންގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މި ފަހަރު ގެނެސް ދޭނީ ކިތައް އެޕިސޯޑް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި 8 ވަނަ ސީޒަން ދައްކަން ފަށާނެ ތާރީހެއް ވެސް ހާމައެއް ނުކުރެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ދައްކާ މި ސިލްސިލާގެ ފުރަތަމަ ހަތް ސީޒަނުގައި 67 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.
ލިޔުންތެރިޔާ މާޓިން: އޭނާ ބުނީ "ފަޔާ އެންޑް ބްލަޑް" އަކީ ހިޔާލީ ތާރީހީ ފޮތެއް ކަމަށް.
"ފަޔާ އެންޑް ބްލަޑް" ނޮވެބަރު މަހު ކިޔުންތެރިންނަށް ދޫކޮށްލަން ނިންމުމާ އެކު، ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ މާޓިންގެ އާ ވާހަކަ "ދަ ވިންޑްސް އޮފް ވިންޓާ" މި އަހަރު ނުނެރޭނަކަން އޭނާ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ކުރިން ނިންމާފައި އޮތީ އެ ވާހަކަ މި އަހަރު ފަހުކޮޅު ނެރޭށެވެ. އެކަމަކު މާޓިން ނެރުނު ބަޔާނެއްގައި ބުނީ "ދަ ވިންޑްސް އޮފް ވިންޓާ" އަށް އަދިވެސް އިންތިޒާރު ކުރަން އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy