"ލަގޭ ރަހޯ މުންނާބާއި" ގެ މަންޒަރެއްގައި ސަންޖޭ އާއި އަރްޝަދު.
22 މެއި 2018 - 09:22
ސަންޖޭ ދަތު ޓައިޓްލް ރޯލު ކުޅޭ ރާޖްކުމާރް ހިރާނީގެ "މުންނާބާއީ" ގެ ސީރިޒްގެ ތިން ވަނަ ފިލްމް ބެލުންތެރިން އިންތިޒާރު ކުރާތާ މިހާރު އެތައް ދުވަހެއްޖެ އެވެ. މީގެ ކުރިން ތިން ވަނަ ބައި "މުންނާއީ ޗަލޭ އެމެރިކާ" ގެ ނަމުގައި ލޯންޗްކޮށް، ފިލްމްގެ ޕޯސްޓަރު ވެސް އާންމުކުރި އެވެ.
އެކަމަކު ފަހުން ވަނީ އެ ފިލްމް ނަހަދަން ނިންމައިފަ އެވެ.
ޑައިރެކްޓަރު ހިރާނީ މިހާރު ބުނަނީ "މުންނާބާއީ 3" ވެސް ގެނެސް ދޭނެ ކަމަށާއި އެ މަސައްކަތް އޭނާ ހުއްޓާނުލައި ކަމަށެވެ. އެކަމަކު އެކަން ވާން އޮތީ ފިލްމްގެ ސްކްރިޕްޓް ލިޔެގެންނެވެ.
"ތިން ވަނަ ބައިގެ ގޮތުގައި އަހަރެމެން ލިޔުނު ސްކްރިޕްޓާ ދޭތެރޭ އެހާ ހިތްހަމައެއްނުޖެހޭ. އެންމެ ބޮޑު ޗެލެންޖަކީ ކުރީގެ ދެ ބަޔަށް ވުރެ ވަރުގަދަ ސްކްރީންޕްލޭއަކާ އެކު ފިލްމް ހަދަން ޖެހޭތީ. އެހެން ނޫނީ ބެލުންތެރިން ބަލައެއް ވެސް ނުގަންނާނެ،" އައުޓްލުކަށް ދިން އިންޓަވިއުއެއްގައި ހިރާނީ ބުންޏެވެ. "ބެލުންތެރިން އުންމީދުކުރާ ވަރުގެ އެއްޗަކާ އެކުގައި ނޫނީ އަންނާކަށް ބޭނުމެއް ނޫން."
ހިރާނީ: އޭނާ ބުނީ "މުންނާބާއީ 3" ގެ ސްކްރިޕްޓް ނުނިމޭ ކަމަށް.
އޭނާ ބުނި ގޮތުގައި "މުންނާބާއީ" ގެ ތިން ބައިގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ މޮޅު ހިޔާލެއް މިހާރު ވަނީ ލިބިފަ އެވެ. އެހެންވެ ފުރަތަމަ ނިންމަން ޖެހޭނީ ސްކްރިޕްޓް ކަމަށް ބުންޏެވެ.
"އެ ލިޔުން ބޮޑު ކަމަކަށް މިއޮތީ. އޭގެ ފަހުން ފިލްމްގެ ފެށޭނެ އިރަކާއި ބެލުންތެރިންނާ ހަމައަށް ފިލްމް ގެނެވޭނެ އިރެއް ވެސް ބުނަން އެނގޭނީ،" ހިރާނީ ބުންޏެވެ.
ދެހާސް ތިނެއްގައި ރިލީޒް ކުރި "މުންނާބާއީ" ގެ ފުރަތަމަ ފިލްމް "މުންނާބާއީ އެމްބީބިއެސް" ގެ ސްކްރީންޕްލޭ ލިޔުނީ ހިރާނީ އާއި ވިންދޫ ވިނޯދް ޗޯޕްޅާގެ އިތުރުން ލަޖަން ޖޯސެފް އެވެ. ދެހާސް ހައެއްގައި ރިލީޒް ކުރި "ލަގޭ ރަހޯ މުންނާބާއީ" އަކީ ހިރާނީ އާއި އަބިޖާތު ޖޯޝީ ލިޔުނު ފިލްމެކެވެ.
ހިރާނީ ފަހުން ހެދި "3 އިޑިއަޓްސް" އާއި "ޕީކޭ" އަދި މިހާރު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ "ސަންޖޫ" ގެ ސްކްރީންޕްލޭގައި ވެސް އަބިޖާތުގެ ހިއްސާ ބޮޑެވެ. އެހެންވެ "މުންނާބާއީ 3" ގެ ސްކްރީންޕްލޭ ލިޔުމުގައި ވެސް އޭނާ ބައިވެރި ވާނެ އެވެ.
ސަންޖޭ ވެސް "މުންނާބާއީ" ގެ ތިން ވަނަ ފިލްމް ކުޅެން ކެތްމަދުވެފައި ހުރި އިރު، އޭނާއާ އެކު ފިލްމްގައި އެންމެ މުހިއްމު ރޯލެއް ކުޅެނީ ސަރްކެޓްގެ ކެރެކްޓާ ކުޅޭ އަރްޝަދް ވަރުސީ އެވެ.
ހިރާނީ ބުނި ގޮތުގައި އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ "ސަންޖޫ" އަށް ފަހު، އޭނާ ދެން ޑައިރެކްޓް ކުރާ ފިލްމަކީ "މުންނާބާއީ 3" އަށް ވެސް ފަހަރުގައި ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތޭ
22 May 2018
މުންނާ ބާއީ 3 ގެ ސްކްރީން ޕްލޭ ނުނިމުނު ނަމަވެސް އެއީ މައްސަލަ އެއް ނޫނޭ ކޮބާތޭ ސްކްރީން ޕްލޭ އަކީ އައި ޑޯން ނޯ ވަޓް ޓު ސޭ ސަމްބަޑީ ހެލްޕް މީ އޮން ދިސް..
ނަގިއްޔާ
22 May 2018
ސްކްރިޕްޓް ލިއަން ގަލަން ގަތީ ޓެޑްރީ ބުނި ފިހާރައަކުންތަ...އެހެން ވެއްޖެއްޔާ ހަނދާން ނައްތާލާ!