4426 އަށް އެވޯޑެއް ހައްގުތަ؟

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނު ކުރުންވީ ދިވެހި ފިލްމީ އާއިލާގެ ތެރޭގައި ކުޑަވަރެއްގެ "ބޮމެއް" ގޮއްވާލުން ކަހަލަ ކަމަކަށެވެ. ދެ ހާސް ސޯޅަ ވަނަ އަހަރު ނެރުނު އެންމެ މޮޅު އަދި އެންމެ ރީތި ފިލްމުގެ ގޮތުގައި އެންމެން ނިންމި ކްރިސްޓަލް އެންޓަޓެއިންމަންޓުގެ "4426" ހިމެނުނީ އެންމެ ހަތަރު ނޮމިނޭޝަންގަ އެވެ. އެއީ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް އިބްރާހިމް ޖިހާދު (ޖިމީ)، ވިޝުއަލް އިފެކްޓްސް އެވޯޑަށް ޝިނާނު، މޭކަޕުން އިސްމާއިލް ޖުމެއިހް، އަހްމަދު ފަޔާޒް އަދި ކޮސްޓިއުމް ޑިޒައިނުން ރަޒީނާ ތައުފީގް އަދި ނަހުލާ އެވެ.


ހަތަރު ނޮމިނޭޝަނާއެކު އެވޯޑް ހަފުލާއަށް ދިޔަ ނަމަވެސް އެނބުރި އަންނަން ޖެހުނީ ހުސްއަތާ އެވެ. އެއްވެސް އެވޯޑެއްގައި ލައްވާނުލައި އެނބުރި އަންނަން ޖެހުނުއިރު 4426ގެ ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ބަހުގެ އަމާޒުތައް ދިޔައީ ޖަޖިން ޕެނަލަށް އަމާޒުކުރަމުންނެވެ. ގަސްތުގައި ދިން ލަނޑެއް ކަމަށް ބުނެ ޖަޖުންނަށް ތުހުމަތުގެ އިނގިލި ދިއްކުރި އެވެ.

ލޯބީގެ ޑްރާމާ ފިލްމަކަށް ވުރެ އެ މައްސަލަގަނޑުގެ "ޑްރާމާ" އޮތީ ބޮޑުވެފަ އެވެ. ނަހުލާގެ 4426 އާ ދޭތެރޭ ބޭއިންސާފަށް ކަންތައް ކުރި ކަމަށް ބުނެ އެތައް ނުރުހުމެއް ފާޅުކުރުމަށްފަހު ނަހުލާ ވަނީ 4426 ފުލަށް ވައްޓާލި ޖަޖު ހޯދައި ޖަޖުން މާކްސް ދިން ގޮތުގެ ތަފްސީލް ޗާޓެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭރު ނަހުލާ ވަނީ ފޭސްބުކް މެދުވެރިކޮށް "އިންސާފުން ބޭރުވެ ޒާތީ ހަސަދަވެރިކަން އިސްކޮށް ގައުމީ އެވޯޑްގައި ގައްދާރުވި މީހާ ޝަރީއަތުގެ މަޖިލީހުގަ ޖަވާބު ދާރީކުރުވަން އެބަޖެހޭ" ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ފަހުން އޭގެ ވާހަކަ އޮތީ މަޑުވެފަ އެވެ.

"4426" ގެ މަންޒަރެއްގައި އައްޒަ އާއި ޖުމަލް.

އަނެއްކާ ވެސް މިވަނީ އެވޯޑުގެ މައްސަލައިގައި ނަހުލާ ޝަކުވާކޮށް ނުރުހުން ފާޅުކޮށްފަ އެވެ. އެއީ މިމަހުގެ 27 ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ބައިވެރިކުރި "4426" ގެ މައްސަލަ އެވެ. މިމަހުގެ 27 ވަނަ ދުވަހު ނަހުލާ ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައި ބުނެފައިވަނީ ސާކް ފިލްމު ފެސްޓިވަލުން އޭނާގެ "4426" އަށް އެވޯޑަކަށް އުންމީދު ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ނަހުލާ ބުނެފައިވަނީ 4426 އެޅުވިއިރު ޖަޖު ހާޒިރުވެ ނެތުމެވެ. އަދި ނަހުލާ ބުނީ އޭނާގެ ފިލްމު ޖަޖުންގެ ބިޒީ ޝެޑިއުލުން ވަގުތު ދެވޭ ވަރަށް ވުރެ ދިގުވީ ކަމަށެވެ.

އެ ފިލްމުގެ އިތުރުން ޕްރޮޑިއުސަރު އަބްދުލް ފައްތާހުގެ "ހައްދު" ވެސް ވަނީ މި އަހަރު ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކޮށްފަ އެވެ.

ސާކް ފިލްމު ފެސްޓިވަލްގައި ވެސް 4426 އަށް އެއްވެސް އެވޯޑެއް ނުލިބި އަދި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ވެސް އެވޯޑެއް ނުލިބުމުން އުފެދެނީ ސުވާލެކެވެ. ހަމަ ހަގީގަތުގައި ވެސް ނަހުލާ އެބުނާހެން ފިލްމާ ދޭތެރޭ ބޭއިންސާފުން އަމަލުކޮށް ގަސްތުގައި ފުލަށް ވައްޓާލީ ހެއްޔެވެ؟ ނޫނީ އެވޯޑެއް ލިބޭ ވަރަށް ވުރެ ފިލްމު މޮޅުވެފައި ކޮލިޓީ ނޫނީ ހެއްޔެވެ؟ މީގެކުރިން ސާކް ފިލްމު ފެސްޓިވަލުން އެވޯޑް އުފުލައިލި ދިވެހި ފިލްމުތަކަށް ވުރެ 4426 ދެރައީ ހެއްޔެވެ؟ އެކަަމަކު މިފަހަރު ފެސްޓިވަލްގައި ދިވެހި އެއްވެސް ފިލްމަކަށް އެކައްޗެއް ވެސް ނުލިބޭކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ނަމަވެސް 4426 ބެލި ގިނަ މީހުން އެއްބަސްވި އެއް ކަމެއް އެބައޮތެވެ. ފިލްމު މޮޅުވެފައި ކޮލިޓީ އެވެ. ޒުވާން ޑައިިރެކްޓަރު އަހްމަދު ޝިނާން އާއި ނަހުލާގެ ތަޖުރިބާކާރި ސިކުނޑިން ގަތާލާފައި އޮތް އެ ފިލްމަކީ ނަހުލާގެ "މާސްޓާޕީސް" އެވެ. އެއީ ބިރުވެރި ފިލްމެކެވެ. ލޯބީގެ ރަހަގަނޑު އޭގެތެރޭގައި ހިމެނޭ، އެހެން ނަމަވެސް މުޅި އޯޑިއަންސް ބިރުން ފިތްކަނޑުވާލި ފިލްމެކެވެ. ގައިން ހީބިހި ނަގާ ވަރުގެ މަންޒަރުތަކެއް ވެސް ހިމެނޭ ފިލްމެކެވެ.

އެކަމަކު 4426 އަށް އެވޯޑެއް ނުލިބުނު މައްސަލައިގައި އެކަމާ ނަހުލާ ނުރުހުން ފާޅުކުރުމުން ބައެއް ފަރާތްތަކުން ވަނީ ނަހުލާއަށް ވެސް ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު އެޅުވި ނަހުލާގެ "ބޮސް" އަދި ފައްތާހުގެ "ހައްދު" އާ ގުޅިގެން ދެ ޕްރޮޑިއުސަރުންގެ މެދުގައި އުފެދުނު ކޯޅުންގަނޑުގެ ސަބަބުން ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.

"4426" ގެ ޝޫޓިން ތެރެއިން:

ދެން 4426ގެ ވާހަކަ ބާއްވާފައި މީގެ ކުރިން ސާކް ފިލްމު ފެސްޓިވަލުން އެވޯޑް ހޯދި ފިލްމުތަކަށް ބަލައިލަން ހިނގާށެވެ. އެ ފެސްޓިވަލްގައި 2014 އަދި 2015 ގައި ދިވެހި ފިލްމުތައް ރަން ވަނަ ހޯދި އެވެ. އެގޮތުން، 2015 ވަނަ އަހަރު އަލީ ސީޒަން ޑައިރެކްޓްކޮށް، އެކްޓް ކުރި ފިލްމް "އިންސާނާ" ވަނީ ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރު ރަވީ ފާރޫގް ޑައިރެކްޓް ކުރި "އިނގިލި" ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވަނީ ހޯދައިފަ އެވެ. އެ ދެ ފިލްމަކީ ވެސް އާޓް ދެ ފިލްމެވެ. އަދި މި ދެ ފިލްމަކީ ރާއްޖޭގެ ރިހި ސްކްރީންގައި މާބޮޑު މަގުބޫލުކަމެއް ވެސް ލިބުނު ފިލްމުތަކެއް ނޫނެވެ. ފިލްމުގެ މަދު ޝޯތަކެއް އެޅުވިއިރު މާބޮޑު އާމްދަނީއެއް ވެސް މި ފިލްމުތަކަށް ނުލިބެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސާކް ފިލްމު ފެސްޓިވަލުން، ރަވީ ޑައިރެކްޓްކުރި "ވިޝްކާ" އިން އައިޝަތު ރިޝްމީ ވަނީ ބެސްޓް އެކްޓްރެސްގެ އެވޯޑް އުފުލައިލައިފަ އެވެ.

އެހެންވެ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ސާކް ފިލްމު ފެސްޓިވަލުން ދިވެހިންނަށް އެވޯޑްތައް ގެނެސްދިނުމުގެ މުގުލުގައި މިހުރީ ޒުވާން އެކްޓަރު އަދި ޑައިރެކްޓަރު ރަވީ އެވެ. ރަވީގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުންނެވެ. ނަމަވެސް ރަވީ އަކީ ތަޖުރިބާގެ ގޮތުން ބަލާއިރު ނަހުލާއަށް ވުރެ އެތައް ތަނެއް މަދު މީހެކެވެ.

މީގެ ކުރިން ވެސް ގިނަ ފިލްމުތަކެއް ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކޮށް އެވޯޑެއްގައިި ލައްވާނުލައި އެނބުރި އަންނަން ޖެހިފައި އެބަހުއްޓެވެ.