ހަބޭސް ބޮޑުބެރު ބޭންޑްގެ އީދު ޝޯ މި ފަހަރު ހުޅުމާލޭގައި

މިދިޔަ އަހަރުގެ ފިތުރު އީދުގައި ފޯރިގަދަ ޝޯއެއް މާލޭގައި ދިން މަޝްހޫރު ބޮޑުބެރު ބޭންޑްގެ މި އަހަރުގެ "ހަބޭސް އީދު ޝޯ" ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.


ހަބޭސްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނީ މި ފަހަރު ޝޯ އޮންނާނީ ފިތުރު އީދު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށެވެ. މި ޝޯ ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމާ އެކު އޮފިޝަލް އިވެންޓްސްއާ ގުޅިގެންނެވެ.

އައްޔަ ބުނި ގޮތުގައި މި ފަހަރުގެ ޝޯގައި ހަބޭސް ބޮޑުބެރުގެ ދަށުން ހިންގާ ހަބޭސް ފިއުޝަން، ލެވިޓޭޝަން ބާއި ހަބޭސްގެ އިތުރުން ރިއްޓެ، ޑީޖޭ އަލީ އަދި ރޮކް މެޓަލްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭންޑް ޓްރެފިކް ޖޭމް އިން ވެސް ފަފޯމް ކުރާނެ އެވެ.

އޭނާ ބުނީ މިދިޔަ އަހަރު މާލޭގައި ބޭއްވި އީދު ޝޯ އަށް ވުރަ ފުރިހަމަ އަދި ކާމިޔާބު ޝޯއަކަށް ހުޅުމާލޭގައި ބާއްވާ އީދު ޝޯ ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ފަހަރުގެ ޝޯގައި ވަނީ ހަބޭސް އިން އެއް ފަހަރާ ފަސް އަލްބަމް ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި ހަބޭސްގެ ކުޑައިގެ ދަށުން ހިންގާ ބޭންޑްތަކުގެ ލީޑް އާޓިސްޓުންގެ ސޯލޯ އަލްބަމްތަކެއް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ވެސް ރޯދައާ ދިމާކޮށް މަދަހަ ވީޑިއޯ އަލްބަމެއް ނެރުނު ހަބޭސް އިން މި އަހަރު ވެސް ވަނީ "މިސްކް" ނަމުގައި މަދަހަ އަލްބަމެއް ނެރެ، ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.