އަޖޭ: ފިލްމެއްގައި ފުޓްބޯޅަ ކޯޗެއްގެ ރޯލުން ފެނިގެން ދާނެ.
15 ޖުލައި 2018 - 07:25
ހަތަރު ވަނަ ގަރުނުގައި އުޅުނު އިންޑިއާގެ އިލްމުވެރިއެއް ކަމަށްވާ ޗަނަކިއާގެ ބައޮފްރަފިކަލް ޑްރާމާ އަށް ސޮއިކުރުމަށް ފަހު، އަޖޭ ދޭވްގަން އަނެއްކާ ވެސް ވަރުގަދަ އެހެން ޝަހުސިއްޔަތެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފަހަރު އޭނާ ސޮއިކުރީ އިންޑިއާގެ ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި މަޝްހޫރުވި ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމަށެވެ. ސައީދު ވަނީ 1950-1963 އަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި މެނޭޖަރުކަން ކޮށްފަ އެވެ. އެ ދައުރުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމް 1956 ގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި އެވެ.
ސައީދުގެ ވާހަކަ ކިޔައިދޭ ފިލްމްގެ ނަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ފިލްމްގެ ފަސްޓްލުކް މިހާރު ވަނީ ދައްކާލައިފަ އެވެ. އަދި ފިލްމްގެ ޑައިރެކްޓަރަކީ 2015 ގައި "ތޭވަރް" ގެނެސް ދިން އަމިތު ޝަރްމާ އެވެ.
Elated and proud to announce a story never told as @ZeeStudios_ #BoneyKapoor & @freshlimefilms come together for a biopic on India’s legendary #Football coach, Syed Abdul Rahim, starring @ajaydevgn, directed by @CinemaPuraDesi, screenplay by @SaiwynQ, and dialogues by @writish. pic.twitter.com/vzaLJya67x
— Zee Studios (@ZeeStudios_) July 13, 2018
ސައީދުގެ ބައޮޕިކްގެ ފަސްޓްލުކް.
ސައީދުގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދެނީ ޒީ ސްޓޫޑިިއޯސް އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި އެކްޓަރު އަރްޖުން ކަޕޫރްގެ ބައްޕަ ބޯނީ ކަޕޫރެވެ.
ފިލްމާ ބެހޭ ގޮތުން ބޯނީ ބުނީ ސައީދަކީ އިންޑިއާގައި ވަރަށް ހުނަރުވެރި ފުޓްބޯޅަ ތަރިންތަކެއް އުފެއްދި ކޯޗެއް ކަމަށެވެ. އަދި އޭނާގެ ވާހަކަ މިހާރުގެ ޒުވާނުންނަށް އާކޮށް ދިނުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
"އެހެންވެ އަހަރެމެން ވަރަށް ބޮޑަށް އުންމީދު ކުރަން ސައީދުގެ މި އިސްޕިރޭޝަނަލް ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދީގެން އިންޑިއާގެ މިހާރުގެ ޒުވާނުންގެ މެދުގައި އަލުން އަނެއްކާ ވެސް ފުޓްބޯޅައިގެ ފޯރި އާލާ ކުރެވިގެން ދާނެ ކަމަށް،" މީގެ ކުރިން "ވޯންޓެޑް" ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ބޯނީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސައީދަކީ އިންޑިިއާގެ "ހަގީގީ ހީރޯ" އިންގެ ތެރެއިން ހަނދާން ނައްތާލައިގެން ނުވާނެ ވަރުގެ ޝަހުސިއްޔަތެކެވެ. އެހެންވެ މި ފިލްމް ހަދަން ފުރުސަތު ފަހިވުމަކީ ޝަރަފެއް ކަމަށް ބޯނީ ބުންޏެވެ.
ސައީދު އަދި އަޖޭ: ބޮޑު ސްކްރީންގައި ސައީދުގެ ރޯލް އަޖޭ ކުޅޭނެ.
މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި "ރެއިޑް" ގެ އެކްޓަރު ސައީދު ރޯލަށް ސޮއި ކުރި އިރު އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އޮކްޓޯބަރު 19 ގައި ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރް ދޭ" އާއި ޑިސެމްބަރު 7 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމް "ޓޯޓަލް ދަމާލް" ގެ އިތުރުން "ޗަނަކިއާ" އަދި ލަވް ރަންޖަންގެ ނަން އިއުލާންކޮށްފައި ނުވާ ފިލްމެއް ހިމެނެ އެވެ.
އަޖޭ، 49، ވަނީ މީގެ ކުރިން ވެސް ބައޮގްރަފިކަލް ޑްރާމާއެއް ކުޅެފަ އެވެ. އެއީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ބަގަތު ސިންގްގެ ވާހަކަ ކިޔައި ދިން ފިލްމް ދަ ލެޖެންޑް އޮފް ބަގަތު ސިންގް (2002) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy