ކަބީރާއި ރަންވީރު: "83" ގައި އެކުގައި މަސައްކަތް ކުރާނެ.
04 ސެޕްޓެމްބަރ 2018 - 07:31
އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ހާދިސާ އަށް ހަދާ ފިލްމް "83" އަކީ ފަސޭހަ ފިލްމަކަށް ނުވާނެ ކަމަށާއި އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ތަށި އުފުލައިލި މަންޒަރު ވީހާ ވެސް އަސްލާ އެއްގޮތަށް ގެނެސް ދިނުން ކަމަށް ޑައިރެކްޓަރު ކަބީރް ހާން ބުނެފި އެވެ.
އެ މުބާރާތް އިންޑިއާ ކާމިޔާބުކުރި އިރު ޓީމްގެ ކެޕްޓަނަކަށް ހުރީ ކަޕިލް ދޭވް އެވެ. "83 ގައި އޭނާގެ ރޯލް ކުޅެން ހަވާލުކޮށްފައި ވަނީ ޒުވާން އެކްޓަރު ރަންވީރް ސިންގްއާ އެވެ.
މުމްބާއީގައި މިހާރު ކުރިއަށްދާ ޖިއޯ މުމްބާއީ އެކެޑެމީ އޮފް ދަ މޫވިން އިމޭޖް (މާމީ) ފެސްޓިވަލްގައި ކަބީރް ބުނީ ފިލްމް ވަރަށް ފުރިހަމަ އަށް ގެނެސްދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ފިލްމްގެ ސްކްރިޕްޓާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"83" ގެ ތައްޔާރީތަކުގައި ކަބީރު (ވ) އާއި ރަންވީރް، ސަޗިންއާ އެކު.
"އަހަރެން ދެކޭ ގޮތުގައި މި ފިލްމްގެ އެންމެ ޗެލެޖިން ކަމަކަށް ވާނީ ކްރިކެޓް ވޯލްޑް ކަޕް އުފުލާލައިގެން އެ ލިބުނު އުފާ ފާޅުކުރި ގޮތް ވީހާ ވެސް އަސްލާއި އެ އިހުސާސްތަކާ އެކު ގެނެސްދިނުން،" ބަޖިރަންގީ ބައިޖާން އާއި އޭކް ތަ ޓައިގާ ފަދަ ފިލްމްތައް ގެނެސް ދިން ކަބީރް ބުންޏެވެ. "އަނެއްކާ މިއީ މިހާތަނަށް އަހަރެން އަޑު އެހި އެންމެ ފުރިހަމަ އެއް ވާހަކަ. އެހެންވެ ސްކްރިޕްޓް ލިޔެފައި ވާނީ ވަރަށް ބޮޑެތި ރިސާޗްތަކެއް ވެސް ހަދައިގެން."
ރަންވީރް ކުޅޭނީ ކަޕިލް ދޭވްގެ ރޯލް.
އޭނާ ބުނީ އިންޑިއާގެ 40 އަހަރުން މަތީގެ ބޮޑު އާބާދީއަކީ ލަންޑަނުގައި 1983 ވަނަ އަހަރު ބޭއްވި މުބާރާތް ބަލައިފައި ވާނެ ބައެއް ކަމަށާއި ފިލްމް ވެސް ވާން ޖެހޭނީ އެ މީހުން ވެސް މާޒީގެ ތެރެއަށް ގެންގޮސް ދޭން ޖެހޭނެ ފިލްމަކަށް ކަމަށެވެ.
"އެހެންވެ އަހަރެން ގަބޫލު ކުރާ ގޮތުގައި މީގެ ވާހަކަ އާއި މަންޒަރުތައް ވީހާ ވެސް ހަގީގަތާ އެއްގޮތަށް، ގެނެސް ދޭމް ޖެހޭނެ. އަދި މުބާރާތުގެ ފަހުން އުފަންވި އިންޑިއާގެ އާބާދީ އަށް ވެސް އަށްޑިހަ ތިނެއްގެ މުބާރާތުގެ މުހިއްމު ކަމާއި އެއިން ގައުމަށް ގެނުވި އިހުސާސްތައް ވަރަށް ފުންކޮށް ދައްކުވައި ދޭން ޖެހޭނެ،" ކަބީރު ބުންޏެވެ.
މިދިޔަ އަހަރު "ޓިއުބްލައިޓް" ގެނެސް ދިން ޑައިރެކްޓަރުގެ "83" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 30، 2019 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy