އާމިރު ހާން ދެން ކުޅޭނެ ފިލްމަކާ ބެހޭ ގޮތުން ކުރެވޭ ބަހުސްތައް ފޭނުންގެ މެދުގައި ބޮޑެވެ. ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ގެ ޓައިޓްލް ރޯލް ކުޅޭނީ އާމިރު ކަމަށް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް ގަދަ އެވެ.

އަނެއްކޮޅުން މަހާބަރަތު އަށް ބިނާކޮށް، ހަތް ބައި އެކުލެވޭ ފިލްމެއް ހަދަން އޭނާ ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ވެސް ހޫނެވެ. އަދި "ކަޕޫރު އެންޑް ސަންސް" ގެނެސް ދިން ޑައިރެކްޓަރު ޝަކުން ބަޓްރާ ހަދާ "އޯޝޯ" ގެ ބައޮގްރަފިކަލް ޑްރާމާ ވެސް އާމިރަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

އަނެއްކޮޅުން މިހާރު މީޑިއާތަކުން ބުނަނީ އާމިރު ދެން ކުޅޭނީ ހޮލީވުޑް ފިލްމެއްގެ ރިމޭކެއް ކަމަށެވެ. މި ވާހަކަތައް ދެކެވޭތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ކުރިން ބުނެފައިވާ ގޮތުގައި އާމިރު އަންނަނީ ޕެރަމައުންޓް ޕިކްޗާޒްގެ ކާމިޔާބު ފިލްމެއްގެ ރައިޓްސް ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި އެ ފިލްމަކީ ޓޮމް ހޭންސްކް ކުޅެފައިވާ ފިލްމު ފޮރެސްޓް ގަމްޕް (1994) ކަމަށް މީޑިއާތަކުން ބުންޏެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ރޮބަޓް ޒެމެކިސް ޑައިރެކްޓްކޮށްފައިވާ އެ ރޮމޭންޓިކް ކޮމެޑީގެ ރައިޓްސް އާމިރަށް މިހާރު ވަނީ ލިބިފަ އެވެ. އަދި އެ ފިލްމުގެ ލީޑް ރޯލު އޭނާ ކުޅޭނެ ކަމަށާއި ފިލްމު ޑައިރެކްޓް ކުރާނީ މިދިޔަ އަހަރު ރިލީޒް ކުރި އާމިރުގެ "ސީކްރެޓް ސްޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އާމިރާއި އަދުވައިތު އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ހޭންސް އަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ ވެސް ލިބުނު "ފޮރެސްޓް ގަމްޕް" އަކީ އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ވެސް ހޯދި ފިލްމެކެވެ. އެ ފިލްމު އުފުލައިލި އިތުރު އޮސްކާގެ ތެރޭގައި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ވިޝުއަލް އިފެކްޓްސް އަދި އެންމެ މޮޅު އެޑިޓިން ހިމެނެ އެވެ.

ބޮކްސް އޮފީހުގައި 677.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ފޮރެސްޓް ގަމްޕް" ގެ ކާސްޓުންގެ ތެރޭގައި ރޮބިން ރައިޓް، ގެރީ ސިނިޒް އަދި ސެލީ ފީލްޑް ހިމެނެ އެވެ.

ކޮންމެއަކަސް ހޭންކްސް ކުޅެފައިވާ ރޯލެއް އާމިރު ކުޅުމަކީ ވަރަށް ވެސް ޝައުގުވެރި ކަމަކަށް ވާނެ އެވެ. ސަބަބަކީ ބައެއް މީހުން އޭނާއަކީ ބޮލީވުޑްގެ ޓޮމް ހޭންކްސްގެ ގޮތުގައި ވެސް ސިފަ ކުރާތީ އެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާގައި އޮތް "ތަގްސް އޮފް ހިންދުސްތާން" އެވެ. އާންމުކޮށް މޮޅެތި ފިލްމުތައް ކުޅޭ އާމިރުގެ މި ފިލްމަކީ ކްރިޓިކުންނާއި ބެލުންތެރިންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ފިލްމެކެވެ.