ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އާމިރު ޚާން "ލާލް ސިންގް ޗައްޑާ" ގެ ނަމުގައި ފިލްމެއްގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އޭގެ މާ ކުރިން އެ ފިލްމުގެ ހިންދީ ރިމޭކެއް ހަދަން އުޅުނު ކަމަށް އަނިލް ކަޕޫރް ބުނެފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަނިލް ބުނީ ޓޮމް ހޭންކްސް ކުޅުނު އެ ފިލްމުގެ ވާހަކަ އޭނާ އަށް ކިޔައިދިނީ ރައްޓެއްސަކު ކަމަށާއި ފިލްމު ފަހުން ބަލައިލުމުން ވަރަށް ގަޔާވި ކަމަށެވެ. އެހެންވެ "ފޮރެސްޓް ގަމްޕް" ގެ ރައިޓްސް ހޯދައިގެން އޭގެ ހިންދީ ފިލްމެއް ހަދަން ޑައިރެކްޓަރު ކުންދަން ޝާހަށް ހުށަހެޅި ކަމަށް އަނިލް ބުންޏެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރޭގައި ފިލްމަށް ލަވައެއް ވެސް ރިކޯޑްކުރި ކަމަށް ބުންޏެވެ.
ނަމަވެސް އޭރު ފިލްމު ނުހެދުނީ ރައިޓްސް ނުލިބުމާއި ފޮރެސްޓް ގަމްޕްގެ ވާހަކައާ މެދު މުޅިން އެއްބަސްވުމަކަށް ނާދެވިގެން ކަމަށް އަނިލް ބުންޏެވެ.
މީގެ ތިން އަހަރު ކުރިން މަރުވެފައިވާ ކުންދަން އަކީ ވަރަށް ފާހަަގަކޮށްލެވޭ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި 1983 ގެ "ޖާނޭ ބީ ދޯ ޔާރޯ" އާއި 1994 ގެ "ކަބީ ހާ ކަބީ ނާ"، 2000 ގެ "ކިޔާ ކެހެނާ" އަދި 2002 ގެ ދިލް ހޭ ތުމާރާ" ހިމެނެ އެވެ.
އާމިރާއި ކަރީނާ ކަޕޫރް ލީޑް ރޯލް ކުޅޭ "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރު 25 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ އަދުވައިތު ޗަންދަނެވެ.
ހަތަރު އޮސްކާ އެވޯޑް ހޯދި "ފޮރެސްޓް ގަމްޕް" އަކީ 1994 ގައި ރޮބަޓް ޒެމެކިސް ގެނެސްދިން ކޮމެޑީ-ޑްރާމާއެކެވެ.