ބޮލީވުޑްގެ އެކްޓަރު އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު "ލާލު ސިންގް ޗައްޑާ" އަންނަ އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި އާމިރުގެ ފިލްމު ކުންފުނި އާމިރު ހާން ޕްރޮޑަކްޝަނާއި ވަޔަކޮމް 18 އިން ޕްރޮޑިއުސްކުރާ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ.

"ލާލު ސިންގް ޗައްޑާ" އަކީ 1994 ގައި ޓޮމް ހޭންކްސް އަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ލިބުނު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ އަތުލް ކުލްކަރްނީ ލިޔާ އިރު، ފިލްމު ޑައިރެކްޓް ކުރާނީ އާމިރުގެ "ސީކްރެޓް ސްޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ.

"ލާލު ސިންގް ޗައްޑާ" އިތުރު ކާސްޓުން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް މި ފިލްމުގެ ރޯލަކަށް އާމިރާ އެކު "3 އިޑިއަޓްސް" ގައި މަސައްކަތް ކުރި ޝަރުމަން ޖޯޝީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިިރު، ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އާމިރު ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނާނެ އެވެ. އެގޮތުން ބަރުދަން 25 ވަރަކަށް ކިލޯ ލުއި ކުރުމުގެ މަސައްކަތް 54 އަހަރުގެ އެކްޓަރު ވަނީ ފަށައިފަ އެވެ.

އާމިރުގެ އެންމެ ފަހުން ކުޅުނު ފިލްމަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ ލަދުވެތި ފްލޮޕް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރި އެކްޝަން އެޑްވެންޗަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އެވެ.