އާމިރް ހާންގެ ފިލްމެއް ނަމަ އެއަށް ދެވޭ ޝައުގުވެރިކަމާއި ސަމާލުކަން އަބަދު ވެސް ވަރަށް ބޮޑު ވާނެ އެވެ. އަހަރަކު ފިލްމެއް ކުޅޭ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ނޮވެމްބަރު މަހުގެ 7 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އިންނެވެ.
މި ފިލްމަށް ފަހު، އާމިރް ދެން ކުޅޭނެ ފިލްމެއް އަދި ރަސްމީކޮށް ނުނިންމަ އެވެ. އެކަމަކު އޭނާ "ބަހާރަތު" އަށް ފިލްމެއް ހަދަން ނިންމައި، އޭގެ މުހިއްމު ރޯލެއް ވެސް ކުޅެން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓް ކުރާ، އިންޑިއާގެ ސްޕިރިޗްއަލް ގްރޫ އޯޝޯގެ ބައޮގްރަފިކަލް ޑްރާމާ އަށް އާމިރް އެއްބަސްވެފައިވާ ކަމަށްވެ އެވެ. އެކަމަކު މީޑިއާތަކުން ބުނަނީ އެ ފިލްމް ހެދުން މަޑު ޖައްސާލައި، އާމިރް ދެން ކުޅޭނީ ހޮލީވުޑް ފިލްމެއްގެ ރިމެކިންއެއް ކަމަށެވެ.
އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޑީއެންއޭ އިން ބުނި ގޮތުގައި އާމިރް، 53، އަންނަނީ ޕެރަމައުންޓް ޕިކްޗާޒުން ގެނެސް ދިން ކާމިޔާބު ފިލްމެއްގެ ރައިޓްސް ހޯދަން، އެ ސްޓޫޑިއޯއާ އެކު މިހާރު ވާހަކަ ދައްކަމުންނެވެ.
އަދި ހުރިހާ ކަމެއް ނިމި، އެއްބަސްވުމަކާ ހަމައަށް އާދެވުމުން އޭނާ ފިލްމް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ޑީއެންއޭ އިން ބުންޏެވެ. ދެން ކުޅޭނެ ފިލްމެއް އަދި ކަށަވަރު ނުވިޔަސް، އާމިރް ވަނީ ޓީ ސީރިޒްއާ ގުޅިގެން ފިލްމެއް ގެނެސްދޭން ނިންމައިފަ އެވެ.
އެއީ ޓީ ސީރީޒްގެ ބާނީ އަދި މަޝްހޫރު ޕްރޮޑިއުސަރު ގުލްޝަން ކުމާރްގެ ބައޮގްރަފިކަލް ޑްރާމާ "މޮގުލް" އެވެ. ސުބާޝް ކަޕޫރް ޑައިރެކްޓް ކުރާ އެ ފިލްމްގެ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ އާމުރް ނަގާ އިރު، ފިލްމް ސިނަމާތަކަށް އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ. އެކަމަކު އެ ފިލްމްގައި ގުލްޝަންގެ ރޯލް ކުޅޭނެ އެކްޓަރަކު އަދި އިއުލާނެއް ނުކުރެ އެވެ.
"ޑަންގަލް" އާއި "ޕީކޭ" އަދި "3 އިޑިއަޓްސް" ފަދަ ބޮކްސް އޮފީހުގައި ރެކޯޑްތައް ހެދި ފިލްމްތައް ކުޅެފައިވާ އާމިރްގެ "ތަގްސް އޮފް ހިންދުސްތާން" އަކީ އަނެއްކާ ވެސް އޭނާގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެނިގެން ދާނެ ފިލްމެކެވެ.
"ދޫމް "3" ގެ ޑައިރެކްޓަރު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ފާތިމާ ސަނާ ޝެއިހް އަދި ކެޓްރީނާ ކެއިފް ހިމެނެ އެވެ.
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެނެސްދޭ "ތަގްސް އޮފް ހިންދުސްތާން" އަކީ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ވެސް އެވެ.