އަންނަ އަހަރު ދިވެހި ސިނަމާ ތިޔާގިވާނެތަ؟

މިއީ ދިވެހި ސިނަމާ އަށް ވަރަށް ފަޅު އަހެރެކެވެ. ރިލީޒްވީ އެންމެ ފަސް ފިލްމެވެ. އޭގެ ތެރެއިން އެއް ފިލްމަކީ އެނިމޭޑެޓް ދިވެހި ފިލްމު "ބަގީޗާ" އެވެ.


މި އަހަރު ސިނަމާ އަށް ދެން އައި ފިލްމުތަކަކީ "ދެވަންސޫރަ"، "ވަކިން ލޯބިން"، "ރޭވުމުން" އަދި "ތިޔަ ލޯތްބާ ދުރަށް" އެވެ.

ފާއިތުވި ތިން އަހަރަށް ބަލާއިރު، މިއީ އެންމެ މަދުން ސިނަމާ އަށް ފިލްމުތައް އައި އަހަރެވެ. މިދިޔަ އަހަރު ޖުމްލަ 8 ފިލްމް ރިލީޒް ކުރި އެވެ. މި އަހަރު ފެށިގެން އައީ މިދިޔަ އަހަރަށް ވުރެ ގިނަ ފިލްމުތައް ރިލީޒް ވާނެ އަހަރަކަށް ވާނެ ކަމުގެ އުންމީދާ އެކުގަ އެވެ. އެކަމަކު މާ ބޮޑަށް ވެސް ސިނަމާގެ އައި ފަޅުކަމާއި ހިމޭންކަން ބޮޑެވެ.

އެހެން ދިމާވުމުގެ އެއް ސަބަބަކީ މި އަހަރު ރިޔާސީ އިންތިހާބު އޮތުމުން، ސިޔާސީ ކަންކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި މުނިފޫއްސަށް ދެވުނު ސަމާލުކަން ކުޑަވުން ކަމަށް ވެދާނެ އެވެ. އަނެއްކޮޅުން ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއް ނަމަ ފިލްމުތައް ސިނަމާ އަށް ގެންނަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ޖެހިލުން ވެސް ވެ އެވެ.

ސަބަބަކީ ބޮޑު ހަރަދުކޮށްފައި ހަދާ ފިލްމުތައް ހަރަދު ވެސް ފޫނުބެއްދޭނެތީ އެވެ. އެހެންވެ މި އަހަރަކީ ޔަގީނުން ވެސް ފިލްމީ ދާއިރާ އަށް ވަރަށް ވެސް ވަނދު އަހަރެކެވެ. މި އަހަރަށް ތާވަލު ކުރި ބައެއް ފިލްމުތައް އަންނަ އަހަރަށް ފަސްކުރި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

އަނެއްކޮޅުން މި އަހަރު ބާއްވަން ނިންމި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ދެން އޮތީ އަނެއްކާ ވެސް އަންނަ އަހަރަށް އުންމީދުތަކެއް ކުރުމެވެ. ބެލެވޭ ގޮތުން އަންނަ އަހަރަކީ ގިނަ ފިލްމުތަކެއް ސިނަމާ އަށް އަންނާނެ އަހަރެކެވެ. ލަފާ ކުރެވޭ ގޮތުން 2019 ގައި ރިލީޒްވާ ފިލްމުތަކުގެ އަދަދު 10 އަށް ވުރެ މަދެއް ނުވާނެ އެވެ.

މީގެ ތެރެއިން ބައެއް ފިލްމުތައް އަޅުވާ ތާރީހު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަންނަ އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ މަހުގެ 3 ގައި އަޅުވާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ 4 ގައި ކްރައިމް ތުރިލާ "ގޮށްރާޅު" ސިނަމާ އަށް އަންނާނެ އެވެ. އަދި ފެބްރުއަރީ މަހުގެ 27 ގައި ހޮރޯ ކޮމެޑީ "40+" ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.

ކުރިން އެޕްރީލް 1 ގައި އަޅުވަން ނިންމި ކޮމެޑީ ފިލްމު "މާމުއި" މިހާރު ވަނީ ޖުލައި 1 އަށް ފަސްކޮށްފަ އެވެ.

މި ފިލްމުތައް ފިޔަވައި ދެން ރިލީޒް ކުރާނެ ސީދާ ތާރީހެއް ނިންމާފައިވާ ފިލްމުތަކެއް އަދިއެއް ނެތެވެ.

ބެލެވޭ ގޮތުން "ގޮށްރާޅު" އާއި "މާމުއި" ގެ އިތުރުން ޑާކް ރެއިން އެންޓަޓައިންމަންޓްގެ އިތުރު ފިލްމެއް ވެސް އަންނަ އަހަރު ސިނަމާ އަށް އަންނާނެ އެވެ. އެ ސްޓޫޑިއޯ އިން ވަނީ "ނޮވެމްބާ" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ.

އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓް ކުރާ އިތުރު ދެ ފިލްމެއް ހިމެެނެ އެވެ. އެއީ ލޯބީގެ ފިލްމު "ނަފުރަތުވުމުން" އާއި ބިރުވެރި ފިލްމު "ދައުވަތު" އެވެ. މި ދެ ފިިލްމުގެ އިތުރަށް "ކަޅަކި" އާއި "ޖަންނަތު" ކިޔާ ފިލްމެއްގެ މަސައްކަތް ޔޫއްޕެ ފަށަން ނިންމާފައިވާ އިރު، ބެލެވޭ ގޮތުން މިއީ އަންނަ އަހަރުގެ ފަހުކޮޅު ސިނަމާ އަށް އައިސް ދާނެ ކަމަށް އުންމީދު ކުރެވޭ ދެ ފިލްމެވެ.

އިތުރު ފިލްމުތަކަށް ބަލާ އިރު ފާތުމަތު ނަހުލާ ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު "ބީީ" އާއި އަބްދުﷲ (މުއާ) މުއާޒްގެ މާޑާ މިސްޓްރީ "ލީނާ" އާއި މުހައްމަދު (މާއެބޫ) އަބޫބަކުރުގެ ބިރުވެރި ފިލްމު "ކާކު؟" އާއި އަހުމަދު ނިމާލު ޑައިރެކްޓް ކުރާ ފިލްމެއް ހިމެނެ އެވެ.

އަދި މި އަހަރުގެ ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެ ޑައިރެކްޓަރު މޫމިން ފުއާދު ވެސް ވަނީ އޭނާގެ އިތުރު ފިލްމެއް މި އަހަރު ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

މިދިޔަ އަހަރު "ވިޝްކާ" ގެނެސް ދިން ޔާރާ ޕްރޮޑަކްޝަނެއްގެ ފިލްމެއް ވެސް އަންނަ އަހަރު ސިނަމާ އަށް އަންނާނެ ކަމަށް ބެލެވޭ އިރު ސީޒަން ވެސް ވަނީ އޭނާ ޑައިރެކްޓް ކުރާ ފިލްމެއް އަންނަ އަހަރު ސްކްރީނަށް އައުން ގާތް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ހުސައިން (ކުޑަފޫޅު) މުނައްވަރު ވަނީ ދިވެހި ޑައިރެކްޓަރުންނަށް ގޮންޖައިލާ ވަރުގެ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އެހެންވެ އެއީ ވެސް އަންނަ އަހަރު ފެންނާނެ ފިލްމެއް ކަމަށް ބަލަމާ ހިނގާށެވެ.

އިއުލާންކޮށްފައި މިހާތަނަށް އަދި މަސައްކަތް ނުފެށި ހުރި ފިލްމުތަކަށް ބަލާ އިރު މުހައްމަދު (ޓެޑްރީ) ނިޔާޒްގެ "ލަސްވިޔަސް" އަލީ ސީޒަންގެ "ފިނިފެންމާ: ގައްދާރުވީ ކާކު؟" އާއި މުހައްމަދު ފައިސަލް ޑައިރެކްޓް ކުރާ "ހައްޔަރު" އާއި އެކްޓަރު އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ "ނަފުސު" އާއި މަދޮށިޕް ސްޓޫޑިއޯ އިން އިއުލާންކޮށްފައިވާ "ފަރީ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

އަދި މިދިޔަ އަހަރު އަޅުވަން ކިޔާފައި މި އަހަރަސް ފަސްކޮށް، ރިލީޒް ނުކުރެވުނު ފިލްމުތަކުގެ ތެރޭގައި އަހުމަދު ޝަރީފްގެ "ބާކީވެފާ" އާއި އަހުމަދު ޝާޒްގެ "މަރިޔަމް މާ" އާއި އަމްޖަދު (އަމްޖޭ) ގެ "ގިލަން" އާއި "ދޭތީ އަނިޔާ" އަކީ ވެސް މި އަހަރު ފެންނާނެ ކަމަށް އުންމީދު ކުރެވޭ ފިލްމުތަކެކެވެ.

އަންނަ އަހަރު ރިލީޒް ކުރާ ފިލްމުތައް އިތުރުވުމާ އެކު ދެން އެންމެ ބޮޑަށް އުންމީދު ކުރެވޭ ކަމަކީ ފިލްމީ ދާއިރާގެ ކުރިއަރުވަން އުފައްދާފައިވާ ޖަމިއްޔާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ދައުރު ވެސް އަންނަ އަހަރު ހިލަންވާ ވަރަށް ފެނިގެން ދިއުމެވެ. އެ ޖަމިއްޔާގެ އިންތިހާބު މި މަހުގެ 27 ގައި އޮންނާނެ އެވެ.

އެހެންވެ އާ ބޯޑާ އެކު އެމްއެފްއޭގެ ހަރަކާތްތެރިކަން ވެސް އިތުރުވެ، ފިލްމީ މަސައްކަތްތައް ކުރިއަރުވަން ކުރެވޭ މަސައްކަތްތައް ފުޅާވެގެން ދާނެ ކަމަށް މި ދާއިރާ އަށް ލޯބި ކުރާ މީހުން ޔަގީނުން ވެސް އުންމީދު ކުރާނެ އެވެ.