ޕްރިތުވީރާޖް ޗޯހަން އަދި އަކްޝޭ.
23 ޖެނުއަރީ 2019 - 07:28
އިންޑިއާގެ ކުރީގެ ވަރުގަދަ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ރޯލް ފިލްމެއްގައި ކުޅެން އަކްޝޭ ކުމާރު ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި ސަނީ ޑިއޯލްގެ ފިލްމު "މޮހައްލާ އައްސީ" ގެ ޑައިރެކްޓަރު ޑރ. ޗަންދުރަޕްރަކާޝް ދިވެދީ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަކްޝޭ މިހާރު އަންނަނީ ފިލްމުގެ ޝޫޓިން އަށް ވާން ޖެހޭ ތައްޔާރީތައް ވެސް ވަމުންނެވެ. އަދި މި ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
ޕްރިތުވީރާޖްއަކީ 1178-1192 އަށް އިންޑިއާގައި ރަސްކަން ކުރި ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ. އަދި އޭނާ ފާހަގަ ކުރެވިފައި ވަނީ ވަރަށް މޮޅު ހަނގުރާމަވެރިއެއްގެ ގޮތުގަ އެވެ.
ޕްރިތުވީރާޖްގެ ރޯލް ކުޅެން އަކްޝޭ ސޮއިކުރި އިރު، މި އަހަރު ރިލީޒްވާނެ އޭނާގެ ފުރަތަމަ ފިލްމަކީ ވެސް ތާރީހީ ހާދިސާއެއް ކިޔައިދޭ އަދި ތާރީހީ ކެރެކްޓާއެއް ކުޅެފައިވާ ފިލްމެކެވެ. އެއީ އަންނަ މާޗް 21 ގައި ރިލީޒް ކުރާ "ކެސަރީ" އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސަރްގާހީ ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ފާހަގަ ކުރެވުނު ހަވިލްދާރު އިޝާރް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އަކްޝޭ ފެނިގެން ދާނީ ހަވިލްދާރްގެ ރޯލުންނެވެ.
ޑައިރެކްޓަރު ޗަންދުރަޕްރަކާޝް.
އަކްޝޭ މި ވަގުތު އަންނަނީ "ގުޑް ނިއުސް" އާއި "މިޝަން މަންގަލް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ދެ ފިލްމު ވެސް މި އަހަރު ރިލީޒް ކުރާނެ އެވެ. "ގުޑް ނިއުސް" ޖުލައި 19 އަށް ތާވަލުކޮށްފައިވާ އިރު، "މިޝަން މަންގަލް" ސިނަމާތަކަށް އަންނާނީ އޮގަސްޓް 15 ގަ އެވެ. އަދި އަކްޝޭގެ ކޮމެޑީ ފިލްމު "ހައުސްފުލް 4" އޮކްޓޯބަރު 26 ގައި ރިލީޒް ކުރާނެ އެވެ.
މިދިޔަ އަހަރު އަކްޝޭގެ ކާމިޔާބު ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ "ޕެޑްމޭން" އާއި "ގޯލްޑް" ގެ އިތުރުން "2.0" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy