ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގައި މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅެމުން އަންނަ އިރު، ފިލްމުގައި އޭނާގެ މަންމަގެ ރޯލް ކުޅެން ޒަރީނާ ވައްހާބް ސޮއިކޮށްފި އެވެ.


ޒަރީނާއަކީ މަޝްހޫރު އެކްޓަރު އަދިތިޔާ ޕަންޗޯލީގެ އަންހެނުންނެވެ.

މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމުގައި ޒަރީނާ ފެނިގެން ދާނީ މޯދީ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ އޭނާގެ މަންމަ ހަރީބަން މޯދީގެ ރޯލެވެ. އަދި ފިލްމުގައި މޯދީގެ އަންހެނުންގެ ރޯލުން ފެނިގެން ދާނީ "ރާމް ލީލާ" އާއި "ރާޖްނީތީ" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ މަޝްހޫރު ޓީވީ ބަތަލާ ބަރްކާ ސެންގުޕްތާ އެވެ.

"ޕީއެމް ނަރެންދުރަ މޯދީ" ގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރު އަމިތު ޝާހްގެ ރޯލުން ފެނިގެން ދާނީ މަނޯޖް ޖޯޝީ އެވެ.

އޮމަންގް ކުމާރު ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދަރުޝަން ކުމާރު، ބޮމަން އިރާނީ އަދި އަންޖަން ސްރިވަސްތާވް ވެސް ހިމެނެ އެވެ.

ބަނީތާ ތަމަޅަ ފިލްމަކަށް

މިދިޔަ އަހަރު ވަރުން ދަވަންއާ އެކު ފިލްމު "އޮކްޓޯބާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ބަނީތާ ސަންދޫ ތަމަޅަ ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނާ ސޮއި ކުރި ދެވަނަ ފިލްމަކީ 2017 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ތަމަޅަ ރިމެކެވެ. މި ފިލްމުގައި ބަނީތާ ފެނިގެން ދާނީ ދުރޫވް ވިކްރަމްއާ އެކީގަ އެވެ. އޭނާއަކީ ސައުތުގެ މަޝްހޫރު އެކްޓަރު އަދި މަނީ ރަތުނަމްގެ "ރާވަން" ފަދަ ފިލްމުތައް ވެސް ކުޅެފައިވާ ޗިޔާން ވިކްރަމްގެ ދަރިފުޅެވެ.

"އަރުޖުން ރެޑީ" ގެ ބޮޑު ކާމިޔާބީއާ އެކު މި ފިލްމުގެ ހިންދި ރިމެކެއް ހެދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ތެލެގޫ ފިލްމު ވެސް ޑައިރެކްޓް ކުރި ސަންދީގް ވަންގާ، ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީއާ އެކު ގެނެސްދޭ ފިލްމުގެ ނަމަކީ "ކަބީރު ސިންގް" އެވެ.

ސުޖިތު ސިރުކާސް ޑައިރެކްޓް ކުރި "އޮކްޓޯބާ" އަށް ފަހު، ބަނީތާ ހިންދީ އިތުރު ފިލްމަކަށް ސޮއިކޮށްފައެއް ނުވެ އެވެ.

ރަންވީރަށް ވިލް ސުމިތުގެ ތައުރީފު

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ގަލީ ބޯއި" ގައި ރަންވީރު ސިންގް ދައްކުވައި ދީފައިވާ އެކްޓިން އަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު ތައުރީފުކޮށްފި އެވެ.

އޭނާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ރަންވީރު ރެޕާއެއްގެ ގޮތުގައި ދައްކުވައި ދިން ކެރެކްޓާ ވަރަށް މޮޅު ކަމަށް ބުނެ، ފިލްމު ވެސް ވަރަށް ރީތި ކަމަށް ބުނެފަ އެވެ. އަދި ރަންވީރަށް މަރުހަބާ ކިޔާ ކަމަށް ވެސް ވިލް ސުމިތު ބުންޏެވެ. މިދިޔަ އަހަރު ވިލް ސުމިތު އިންޑިއާ އަށް ކުރި ދަތުރުގެ ތެރޭގައި ރަންވީރާ ބައްދަލުވެ، ދެ ތަރިންގެ ގުޅުން މިހާރު ވަރަށް ބަދަހި އެވެ.

އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ޓައިގާ ޝްރޮފްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލުމަކުން ވިލް ސުމިތު ފެނިގެން ދާނެ އެވެ. އޭނާގެ ދަރިފުޅު އަދި ރެޕާ ޖޭޑަން ސުމިތު، 20، މިހާރު ހުރީ ޓުއާއަކަށް އިންޑިއާ އަށް ގޮހެވެ.

މާޝްމެލޯގެ ވީޑިއޯއެއްގައި ޝާހްރުކް

މިހާރު އިންޑިއާ އަށް ޓުއާ ކުރަމުން އަންނަ އެމެރިކާގެ މަޝްހޫރު ޑީޖޭ ކްރިސްޓޯފާ ކޮމްސްޓޮކް ނުވަތަ މަޝްހޫރު ނަމުން ނަމަ މާޝްމެލޯގެ ވީޑިއޯ ލަވައެއްގެ ހާއްސަ ފެނިލުމަކުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން ދައްކާލައުފި އެވެ.

"ބިބާ" ގެ ނަން ދީފައިވާ ލަވަ ފެށިގެން އަންނަ އިރު، ޝާހްރުކްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ގެ ހަނދާންތައް އައުކޮށްދޭ ކަހަލަ މަންޒަރެއް ވެސް ލަވައިގައި ހިމަނާފައިވެ އެވެ.

ޝާހްރުކަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސް ދީފައިވާ މި ވީޑިއޯ ލަވަ ތައްޔާރުކޮށްފައި ވަނީ ވަރަށް ބޮލީވުޑް ސްޓައިލަށެވެ. އަދި ލަވައިގެން ތަންކޮޅަކުން ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ޕްރިތަމް ވެސް ފެނިގެން ދެ އެވެ.