ޕްރިޔަންކާގެ ދެމަފިރިން އަލްމަބެއްގެ މަސައްކަތްކުރަނީ

ހޮލީވުޑްގައި ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމުގެ ކުރިން ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ އިނގިރޭސި ލަވަ ކިޔަައިގެން ސަމާލުކަން ހޯދައިފަ އެވެ. އެގޮތުން "އެކްޒޯޓިކް" އާއި "އިން މައި ސިޓީ" އާއި "އައި ކާންޓް މޭކް ޔޫ ލަވް މީ" ގެ އިތުރުން "އިރޭޒް" ފަދަ ލަވަތަކަކީ އެ ލަވަތައް ނެރުނު ދުވަސްވަރު ގިނަ ބައެއްގެ މަގުބޫލުން ހޯދި ލަވަތަކެވެ.


އެކަމަކު މި ފަހުން ޕްރިޔަންކާ މިއުޒިކް ކެރިއަރުގެ ވާހަކައެއް އެހާ ބޮޑަކަށް ނުދެކެވެ އެވެ. ނަމަވެސް މިހާރު ލަވަކިޔުންތެރިޔަކާ އޭނާ ކައިވެނިކޮށްގެން އުޅޭތީ އަލުން މިއުޒިކް ކެރިއަރު ފަށަން ނިންމާފައިވާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ މިހާރު އަންނަނީ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އެހީގައި މިއުޒިކް ކެރިއަރު އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރުވަމުންނެވެ.

އެގޮތުން ދެމަފިރިން ގުޅިގެން އަލްބަމެއްގެ މަސައްކަތް ކުރަން ރާވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެ ދެ ތަރިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޔަގީނުން ވެސް ޕްރިޔަންކާ އާއި ނިކްގެ މިއުޒިކް ކޮލަބަރޭޝަނެއް ވަރަށް ޝައުގުވެރި އެއްޗަކަށް ވާނެ އެވެ.

"އެކްޒޯޓިކް" ލަވައިގެ ވީޑިއޯ.

އިނގިރޭސި ލަވަކިޔުމުގެ އިތުރަށް ޕްރިޔަންކާ ވަނީ 2015 ގައި އޭނާ ކުޅުނު ފިލްމު "ދިލް ދަޅަކް ނޭ ދޯ" އަށް ވެސް ޑުއެޓް ލަވައެއް ކިޔައިފަ އެވެ. އެއީ ފިލްމުގެ އެއް ތަރި އަދި ލަވަކިޔުންތެރިޔާ ފަރުހާން އަހްތަރާ އެކީގަ އެވެ.

މި މަހުގެ 14 ގައި ރިލީޒް ކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އަށް ފަހު، ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 11 ގައި ރިލީޒް ކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.